ކުޅުދުއްފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ފެނަކައިން ކުރަމުންދާ މަސައްކަތުގެ ދަށުން އިތުރު ޓްރާންސްފޯމަރެއް ބަހައްޓައި ރަށުގެ ކަރަންޓްގެ މައި ވިއުގަޔާ ގުޅާލައިފި އެވެ. މިކަމުގެ ސަބަބުން ޒިގްޒެގް ސަރަހައްދަށް ދިމާވެފައިވާ ވޯލްޓޭޖް ޑްރޮޕްވުމުގެ މައްސަލައަށް ހައްލުވެގެންދާނެ އެވެ.
ޒަމާނުންސުރެ ޒިގްޒެގް ސަރަހައްދު ގޭބިސީތަކުގައި ވޯލްޓޭޖް ޑްރޮޕްވާ މައްސަލައަކީ ބޮޑު މައްސަލައެކެވެ. އެހެން ދިމާވެފައިވަނީ އެ ސަރަހައްދުގައި ޓްރާންސްފޯމަރެއް ބެހެއްޓިފައިނުވާތީ އެވެ. އެ ސަރަހައްދުގެ ގޭބިސީތަކަށް ކަރަންޓް ފޯރުކޮށްދެމުންގޮސްފައިވަނީ އޭއީސީގައި ހުންނަ ޓްރާންސްފޯމަރުންނެވެ.
އޭއީސީގައި ހުންނަ ޓްރާންސްފޯމަރަކީ އެންމެ ބޮޑު ސަރަހައްދަށް ކަރަންޓް ފޯރުކޮށްދޭ ޓްރާންސްފޯމަރެވެ. އެ ޓްރާންސްފޯމަރުން ޒިގްޒެގް ސަރަހައްދާއި ކޮރަލް ދަނޑުގެ ސަރަހައްދުގެ ގޭބިސީތަކަށްވެސް ކަރަންޓް ފޯރުކޮށްދެ އެވެ. އަދި މީގެ އިތުރުން ބަނޑާރަމަގުގެ، ބްރަދާސް މާރޓް ސަރަހައްދުގެ ބަޔަކަށްވެސް އެ ޓްރާންސްފޯމަރުން ކަރަންޓް ފޯރުކޮށްދެ އެވެ.
ޒިގްޒެގް ސަރަހައްދަށް ކަރަންޓް ފޯރުކޮށްދިނުމަށް ފެނަކަ އޮފީހުގައި ހުންނަ ޓްރާންސްފޯމަރާއި ނިއު ސްޓަރ ސަރަހައްދުގައި ހުންނަ ޓްރާސްފޯމަރެއްވެސް ބޭނުންކުރެ އެވެ. އެހެންވެ އެ ތިން ޓްރާންސްފޯމަރުގެ ލޯޑް ހުންނަނީ މަތިވެފައި އެވެ. ޒިގްޒެގް ސަރަހައްދަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އެސަރަހައްދުގައި ޓްރާންސްފޯމަރެއް ބަހައްޓާފައިވަނީ މިއަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި އެވެ.
ފެނަކާގެ އޮފިޝަލަކު ވިދާޅުވީ، އެ ސަރަހައްދަށް ދިމާވެފައިވާ ވޯލްޓޭޖް ޑްރޮޕްވުމުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިއްޔެއިން ފެށިގެން އެ ޓްރާންސްފޯމަރުން އެ ސަރަހައްދުގެ ގޭބިސީތަކަށް ކަރަންޓް ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ. އެހެންވުމުން އެ ސަރަހައްދަށް ދިމާވެފައިވާ ވޯލްޓޭޖް ޑްރޮޕްވުމުގެ މައްސަލަ ހައްލުވެގެންދިޔައީ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، މިއާއާއެކު ވޯލްޓޭޖް ޑްރޮޕްވުމުގެ މައްސަލަ ހައްލުވެގެންދާނީ ހަމައެކަނި އެ ސަރަހައްދަށް ނޫން ކަމަށާ ކުރިން ޒިގްޒެގް ސަރަހައްދަށް ކަރަންޓް ފޯރުކޮށްދެމުންދިޔަ ތިން ޓްރާންސްފޯމަރުގެ ލޯޑްކުޑަވެ ކަރަންޓް އެއްވަރު ކުރެވިފައިވާ ކަމަށެވެ.
އެހެންވުމުން ސަބަބުން ނިކަގަސްމަގުގެ އުތުރުގެ ހުރިހާ ގޭބިސީތަކަށްވެސް ވޯލްޓޭޖް ޑްރޮޕްވުމުގެ މައްސަލައަށް ހެޔޮ ބަދަލުތަކެއް ލިބިގެންދާނެ ކަމަށާއި އެގޮތުން މިހާރު ކުރަމުންދާ ކޭބަލް ނެޓްވޯކް އަޕްގުރޭޑްކުރުމުގެ މަސައްކަތް ނިމޭއިރު ޖުމްލަކޮށް ހުރިހާ ހިސާބެއްގެ ވޯލްޓޭޖް ދަށްވުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.
އަޕްގުރޭޑް ކުރެވުނު ކޭބަލް ނެޓްވޯކް ގުޅާލުމުގެ މަސައްކަތް ކުރަމުންދާއިރު މަދުވެގެން ކޮންމެ ހަފްތާއަކު އެއްދުވަހު ކަރަންޓް ކަނޑާލެވޭނެ އެވެ.
ފެނަކަ އިން މިހާރުވެސް ދަނީ ވެލިގަނޑު ސަރަހައްދުގައި ޓްރާންސްފޯމަރެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ. އެ ޓްރާންސްފޯމަރު ބެހެއްޓުމުން، ކުޅުދުއްފުށީގައި ކަރަންޓް ފޯރުކޮށްދިނުމަށް 8 ޓްރާންސްފޯމަރު ބެހެއްޓުނީ އެވެ.