ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށާއި ހުރިހާ މީހުންނަށްވެސް ވެކްސިން ހިލޭ ޖަހައިދިނުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ތަރުޖަމާނު އަދި ޤައުމީ ވެކްސިން ޕްރޮގްރާމްގެ ހެޑް ޑރ ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައި ޑރ ނަޒްލާ ވިދާޅުވީ މި ދަނޑިވަޅަކީ ހުރިހާ ޤައުމަކުންވެސް ވެކްސިން ހޯދުމަށް މަސައްކަތް ކުރާ ދަނޑިވަޅެއްކަމުން ފުރަތަމަ މަސައްކަތްކުރަމުން ދަނީ ސަރުކާރުން ވެކްސިންތައް ގެނައުމަށްކަމަށެވެ. އަދި ވެކްސިން ހޯދުމުގައި ދަތިތަކެއް އުޅޭކަންވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
ވެކްސިން އުފެއްދޭ މިންވަރު އިތުރުވުމުން އަމިއްލަ ފަރާތްތަކަށްވެސް ވެކްސިން ގެނައުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.
ގައުމީ ވެކްސިން ޕްރޮގްރާމުން ވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖޭގައި ކޮވިޑް-19އިގެ ވެކްސިން ޖަހަން ފަށާނެކަން ހާމަކޮށްފައެވެ. ވެކްސިން ޖެހުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައްވެސް މިހާރު ވަމުން އަންނަ އިރު މިކަމަށް ހާއްސަ ސްޓިއަރިން ކޮމިޓީއެއް އެކުލަވާލާ ވެކްސިން ޖަހަން ޖެހޭ މީހުންގެ މައުލޫމާތު މިހާރު އަންނަނީ އެއްކުރަމުންނެވެ.
ކޯވިކްސް ފެސިލިޓީގެ ދަށުން ވެކްސިން އާބާދީގެ 20 އިންސައްތައަށް ހިލޭ ލިބޭއިރު ރާއްޖެއިން ފައިސާ ދީގެން ގަންނަ ވެކްސިންތައްވެސް ރައްޔިތުންނަށް ހިލޭ ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. ރާއްޖޭގައި ފުރަތަމަ ވެކްސިން ދޭން ނިންމާފައިވަނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކާއި ހައި ރިސްކު ނުވަތަ ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށެވެ.
އެގޮތުން ވެކްސިންގެ 3 އިންސައްތަ ދޭނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. އަދި 17 އިންސައްތަ ދޭނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.