ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް 10 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.
ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ ހަތްވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ނެވެ.
ޓޫރިޒަމާބެހޭ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓު ހެދުމާއި އިންޓަގްރޭޓަޑް ޓޫރިޒަމް ތަރައްގީ ކުރުމާއި ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ތަރައްގީ ކުރުން އަދި ޕްރައިވެޓް އައިލެންޑް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުފަޅާއި އަދި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް އާއި ޔޮޓް ބަނދަރު ހަދާނެ ތަންތަނާއި ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރެވޭ އެނޫންވެސް ތަންތަނާއި ސަރަހައްދުތައް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާކަމުގައި ބަޔާންކޮށްފައިވެއެވެ.
ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގައި އެ ރަށެއް ނުވަތަ ސިޓީއެއްގެ ބިނާވެށީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ތަރައްގީ ކުރުމަށް ބިން އެކަށައެޅުމުގެ އިހްތިޔާރު، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލަށް މި ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ލިބިގެންވެއެވެ.
އަދި އަލަށް ގެނައި އިސްލާހުތަކަށް އަމަލުކުރަން ފެށުމުގެ ކުރިން، މި ގާނޫނުގެ ދަށުން ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރުމަށްޓަކައި ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުތައް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ސަރުކާރު ހިމެނޭގޮތަށް ހެދިފައިވާ ޖޮއިންޓް ވެންޗާ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ އެ ޖޮއިންޓް ވެންޗާ ކުންފުންޏަކަށް މި ގާނޫނުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ބިމުގެ ބޮޑުމިނުގެ ކޮންމެ އަކަމީޓަރަކަށް އެ ކުންފުނީގައި ހިމެނޭ ސަރުކާރުގެ ހިއްސާގެ ކޮންމެ އިންސައްތައަކަށް ފަސް އެމެރިކާ ޑޮލަރުގެ މަގުން އަގުކުރުމަށްފަހު ޖެހޭ ޢަދަދަކަށް، އެ ޖޮއިންޓް ވެންޗާ ކުންފުނީގައި ހިމެނޭ އަނެއް ހިއްސާދާރަށް ނުވަތަ ހިއްސާދާރުންނަށް ވިއްކާލުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ. އެދި، އެގޮތަށް ހިއްސާ ވިއްކާއިރު، އެ ހިއްސާ ވިއްކާލުމުގެ މުއާމަލާތް ހިންގަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅައި އާންމުކުރާ ގަވާއިދަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް ދިވެހި ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއެރުވުމަށާއި، ދިވެހިންނަށް މަންފާވާނެ ގޮތެއްގައި މި ދާއިރާ ހިންގުމަށްޓަކައި ވަނީ މުހިންމު އިސްލާހުތަކެއް މި ޤާނޫނަށް ގެނެސްފައެވެ.
މި ބިލު ތަސްދީޤް ކުރެއްވުމާ ގުޅިގެން، ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކޮށްފަ އެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ގެޒެޓުކުރާ ތާރީހުން ފެށިގެންނެވެ.