އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފެއްދި ކޮވިޑް-19ގެ ވެކްސިން ރާއްޖެއަށް ގަންނަން ނިންމައި އެ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ރާއްޖެއިން ސޮއިކުރާނެކަން ހާމަކޮށްފި އެވެ.
ފިނޭންސް މިނިސްޓަރު އިބާރްހިމް އަމީރު މިއަދު "މާލިއްޔަތާ ބެހޭ ޤަރާރު"ގައި ސޮއިކޮށް ނެރެފައިވާއިރު ކޮވިޑް-19 އިން ރައްކާތެރި ވުމަށް އުފައްދާފައިވާ ވެކްސިން ގަތުމަށް ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއި ކުރަން ނިންމާފައި ވަނީ "އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޓީ"އާ ދެމެދު ކަމަށް ގަރާރުގައި ވެއެވެ.
އިނގިރޭސިވިލާތުގެ މެޑިސިންސް އެންޑް ހެލްތުކެޔާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީ (އެމްއެޗްއާރުއޭ)އިން އޮކްސްފޯޑުގެ ވެކްސިން ރައްކާތެރި ކަމަށް ކަނޑައަޅައި އިއްޔެގެ ވަގުތެއްގައި ވަނީ އެ ވެކްސިން އާންމުންނަށް ދޭން ހުއްދަ ދީފަ އެވެ.
މިހާރު ދީފައިވާ ފައިޒާ އާއި މޮޑާނާ ވެކްސިނަށް ވުރެ އޮކްސްފޯޑް ވެކްސިން އަގުހެޔޮވެފައި އެއްތަނުން އަނެއް ތަނަށް ގެންދަން ފަސޭހަވާނެ ކަމަށް އެސްޓްރާޒެނެކާއިން ބުންޏެވެ.
އެސްޓްރާޒެނެކާއަކީ އޮކްސްފޯޑާ ގުޅިގެން ވެކްސިން އުފައްދާ ފާމަސޫޓިކަލް ކުންފުންޏެވެ.
މިއަދު ސޮއިކުރެއްވި ގަރާރުގެ ބޭނުމަކީ ކޮވިޑް-19ގެ ވެކްސިނަކީ ވަކި ބައެއްގެ އަތުން ގަންނަން ލިބޭ އެއްޗަކަށްވުމާއި ވެކްސިން ދޫކުރަނީ ހާއްސަ ޕްރޮކިއުމަންޓް އުސޫލުތަކެއްގެ ދަށުން ކަމަށް ވާތީ އެ ވެކްސިން ގަތުމުގެ މަސައްކަތްތަކުގައި މާލިއްޔަތު ގަވާއިދުގައި ބުނާ ބައެއް އުސޫލުތަކަށް އަމަލުކުރުން ސަސްޕެންޑް ކުރުމެވެ.
މި ވެކްސިންއަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށްވެސް ބޭނުން ޖެހިފައިވާ ވެކްސިނަކަށްވުމާއި، އެ ވެކްސިން މިވަގުތު ވަކި ބައެއްގެ ފަރާތުން މެނުވީ ލިބެން ނެތުމުގެ ސަބަބުން، އެ ވެކްސިން މުޅި ދުނިޔޭގައިވެސް ދޫކުރަމުންދަނީ ޕްރޮކިއުމަންޓުގެ ހާއްސަ އުސޫލުތަކެއްގެ ދަށުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ބުނީ ކޮވިޑް-19 އިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށް ބޭނުންވާ ވެކްސިން ހޯދުމުގެ ގޮތުން މި އެއްބަސްވުމުގައި ސޮއިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ނިންމާފައިވާ ކަމަށެވެ.