ލޯކަލް ކައުންސިލް އިންތިހާބު އަވަހަށް ބޭއްވުމަށްޓަކައި ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ދައުރުން ބޭރުން ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އަލީ އާޒިމް ވިދާޅުވީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަސައްކަތް ކުރަނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.
މިދިޔަ އަހަރު އެޕްރީލް މަހު ބާއްވަން ނިންމި އިންތިހާބު ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެން ބޭއްވިފަ އެެއް ނުވެ އެވެ. އިންތިހާބު ލަސްކުރަން މަޖިލީހުން ފާސްކުރި "ސަން ސެޓް" ގާނޫނުގައިވާ ގޮތުގައި އިންތިހާބު ބޭއްވެނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ.
ނަމަވެސް ހެލްތު މިނިސްޓްރީން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ތިނަކަށް އަނެއްކާވެސް އިތުރުކޮށްފަ އެވެ.
އިންތިހާބު ބޭއްވުމަށް ގާނޫނަށް ބަދަލު ގެންނަންޖެހޭއިރު އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އޭޕްރީލް ތިންވަނަ ދުވަހު އިންތިހާބު ބޭއްވުމަށް އިލެކްޝަންސް އިން މަސައްކަތް ކުރަމުންދާ ކަމަށާއި އެ ތާރީހަށް އިންތިހާބު ބޭއްވޭނީ ގާނޫނަށް ހުށަހަޅާ އިސްލާހުތައް މި ޖެނުއަރީ މަސް ނިމުމުގެ ކުރިން ފާސް ކުރެވިގެން ކަމަށެވެ.
އޮންލައިން ނޫސް ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން މެދު ހެންވޭރު ދާއިރާގެ މެންބަރު އާޒިމް ވިދާޅުވީ އިންތިހާބު ބޭއްވުމަށް މިހާރު ކަނޑައެޅިފައިވާ ތާރީހަށް ބޭއްވުމަށް ގާނޫނަށް ބަދަލު ގެންނަންޖެހޭ ކަމަށާއި އެގޮތުން އެކަން ކުރެވެން އޮތީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ކަމަށެވެ.
ކައުންސިލް އިންތިހާބު ބޭއްވުމުގައި ދިމާވަމުން އަންނަ ހުރަސްތަކާ ގުޅިގެން ގާނޫނު އިސްލާހު ކުރުމަށް އިލެކްޝަން ކޮމިޝަނުން ވެސް ވަނީ ގޮވާލާފައެވެ.