ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އޮންލައިން ނޫސް ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިންތިހާބުގެ ޓާސްކް ފޯހަށް އަދި އިންތިހާބަށް ބޭނުންވާ އޮފިޝަލުން ހޯދަން މިދިޔަ ބުރާސްފަތި ދުވަހު އިއުލާނުކޮށްފައިވާ ކަމަށާއި މި ފަހަރު އޮފިސަލުން ހޯދުމުގެ މަސައްކަތް ޗެލެންޖަކަށް ވާނޭ ކަމަށެވެ.
ޝަރީފް ވިދާޅުވީ މި އަހަރު 150-200 އާ ދެމެދު އަދަދަކަށް ޓާސްކް ފީހަށް މީހުން ބޭނުންވާއިރު އޮފިޝަލުންގެ ގޮތުގައި 4000-5000 މީހުން ބޭނުންވާ ކަމަށެވެ.
މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން އޮފިސަލަކަށް ވުމަށް ކުރިމަތިލާން ޖެހޭއިރު ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ބޭނުންވާ އޮފިޝަލުން ހޯދާކަމަށާއި ކަންކަން ރާވަމުން އަންނަނީ އެއް ރަށުން އަނެއް ރަށަށް މީހުން ނުފޮނުވަން ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އޮފިޝަލުން ނެގުމަށް ވިއްސަކަށް ދުވަސް ބޭނުންވާނެ ކަމަށެވެ. އަދި އޮފިޝަލުން ތަމްރީނު ކުރުމަށް ވެސް އިތުރު މުއްދަތު ބޭނުންވާނެ ކަމަށެވެ.
މިދިޔަ އެޕްރީލް މަހު ބާއްވަން އުޅުނު އިންތިހާބު ކޮވިޑް-19ގެ ސަބަބުން ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ހާލަތާއި ގުޅިގެން ލަސްކުރުމަށްފަހު ދެން އިންތިހާބު ބާއްވަން އަންނަ މާޗު މަހު ތާވަލު ކުރި ނަމަވެސް އީސީން ވަނީ އެ ތަރީހުގައިވެސް އިންތިހާބު ނުބޭއްވޭނެކަމަށް އިއުލާނުކޮށްފަ އެވެ.
ކައުންސިލްތަކުގެ އިންތިހާބު އަންނަ އެޕްރީލް ތިނެއްގައި ބާއްވަން ތާވަލުކުރަން އިލެކްޝަން ކޮމިޝަނުން (އީސީ) އިން ވަނީ މިހާރު ނިންމައިފަ އެވެ.