twitterviber whatsapp telegramfacebookyoutube instagram
23rd April 2024

މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެސްޓީއޯގެ ފައިދާ 10 ޕަސެންޓް އިތުރު

Feb 2, 2021

ސަރުކާރުގެ އެންމެ ބޮޑު ކުންފުނި، އެސްޓީއޯ އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު ސާފު ފައިދާ 10 ޕަސެންޓް އިތުރު ވެއްޖެ އެވެ.

އެސްޓީއޯ އިން މިއަދު އާއްމުކުރި މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުންއެ ކުންފުންޏަށް މި ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 1.9 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ 2019 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު 10 ޕަސެންޓުގެ އިތުރު ވުމެކެވެ.

ހަތަރު ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 91 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވާއިރު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 378 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ އަހަރުގެ ހަތަރު ވަނަ ކުއާޓަރާ އަޅާބަލާއިރު 15 ޕަސެންޓުގެ އިތުރު ވުމެކެވެ.

މި ކުއާޓަރުގައި އެ ކުންފުނީގެ ހިންގުމުގެ ހަރަދު ވަނީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު މަތިވެފަ އެވެ. ހިންގުމުގެ ހަރަދު ހަތަރު ޕަސެންޓް މަތިވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ކަސްޓަމަރުންނަށް ދީފައިވާ ކްރެޑިޓް މުއްދަތު އިތުރުކުރުމާއި ޕްރޮވިޝަން ހިސާބު ކުރުމަށް ބޭނުން ކުރާ މިންގަނޑު ތަކަށް ގެނެވުނު ބަދަލާއިއެކު ޕްރޮވިޝަން އިތުރު ވުމެވެ.

ނިމިދިޔަ އަހަރު އެސްޓީއޯގެ ޖުމްލަ އާމްދަނީ ހުރީ 7.2 ބިލިއަން ރުފިޔާ އެވެ. މުޅި އަހަރަށް ބަލާއިރު ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރެވިފައި ވުމާއެކު ކުންފުނީގެ ޓެކްސް އަށް ކެނޑުމުގެ ކުރިން ސާފު ފައިދާ ގެ ގޮތުގައި 500 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ޓެކްސް އަށް ކެނޑުމަށްފަހު ސާފު ފައިދާ ގެ ގޮތުގައި 410 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 35 ޕަސެންޓުގެ އިތުރު ވުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355