ކުޅުދުއްފުށި ސިޓީގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މީގެ އިތުރުން ހދ މަކުނުދޫގައި ހޯމް ކަރަންޓްގައި ހުރި ބިދޭސީއަކުވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ކޭއޯއަށް ވަނީ ކަށަވަރުކުރެވިފަ އެވެ.
ކޭއޯއަށް އިތުބާރު ހުރި ގޮތަށް އެނގިފައިވާގޮތުގައި ކުޅުދުއްފުށިން ޕޮޒިޓިވްވެފައިވަނީ މިދިޔަމަހު 28 ވަނަ ދުވަހު މާލޭން ކުޅުދުއްފުއްޓަށް އައިސް، ކަރަންޓީނުގައި ތިބި ދެ މަފިރިއެކެވެ. އެ ދެ މީހުން ޕޮޒިޓިވްކަން އެނގުނީ މާލޭން ޕޮޒިޓިވް ބަޔަކާ ކޮންޓެކްޓް ތިބިކަން އެނގިގެން ސާމްޕަލް ނަގައި ޓެސްޓްކުރުމުންނެވެ.
އެކަމަކު އެ ދެ މީހުންގެ އުމުރެއް ސާފުވާގޮތެއް އަދި ނުވި އެވެ. އެހެންވުމުން އެ މީހުންގެ ކަރަންޓީނުގެ މުއްދަތު ވަނީ 14 ދުވަހަށް އިތުރުކޮށްފަ އެވެ.
މަކުނުދޫއިން ޕޮޒިޓިވްވެފައިވަނީ ބިދޭސީ ފިރިހެނެކެވެ. އެ މީހާ ޕޮޒިޓިވްކަން އެނގުނީ ކަރަންޓީނު ނިންމާ ނެގި ސާމްޕަލް ޕޮޒިޓިވްވުމުންނެވެ. އެ މީހައާއެކު އެތަނުގައި ކަރަންޓީނު ފުރިހަމަކުރަމުންދާ 5 މީހުން ތިއްބެވެ. އެހެންވެ އެ ހުރިހާ އެންމެންގެ ކަރަންޓީނު މުއްދަތުވެސް ވަނީ 14 ދުވަހަށް އިތުރުކޮށްފަ އެވެ.
މި ދުވަސްވަރު މާލޭން އަތޮޅުތެރެއަށް އަންނަ ބައެއް ފަރާތްތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވަމުންދާތީ ކަރަންޓީނު އުސޫލަށް ފުރިހަމައަށް އަމަލުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީންވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.