twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ޓީ.އޭ.ސީ މުއާހަދާގައި ރާއްޖޭން ބައިވެރިވުމަށް ލަފާދެއްވައިފި

ޚަދީޖާ އާދަމް
Feb 3, 2021

"ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން އިން ސައުތު އީސްޓް އޭޝިއާ“ (ޓީ.އޭ.ސީ) މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފި އެވެ.

ޓީ.އޭ.ސީ. އަކީ އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ގައި ހިމެނޭ މެންބަރު ގައުމުތަކުގެ މެދުގައި 1976 ވަނަ އަހަރު ސޮއިކުރެވުނު މުއާހަދާއެކެވެ.

ވަޒީރުންގެ މަޖިލީހުގައި ބުދަ ދުވަހު މަޝްވަރާ ކުރައްވައި އެ މުއާހަދާގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައި މިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހުށަހަޅާފައިވާ ކަރުދާހަކާ ގުޅޭގޮތުން ވަރޗުއަލްކޮށް ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ދިވެހިރާއްޖެއިން ޓީ.އޭ.ސީ މުއާހަދާގައި ބައިވެރިވުމުން، އާސިއާންގެ ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާވެ އެކި ދާއިރާތަކުން ދިވެހި ރާއްޖެއަށް ބޭނުންވާ ފަންނީ އެހީތެރިކަން ލިބުމަށް މަގުފަހިވެގެންދާނެ ކަމުގައި ފޮރިން މިނިސްޓަރ ކަރުދާސް ހުށަހަޅައިދެއްވަމުން ވަނީ ފާހަގަކުރައްވާފައެވެ.

މި މުޢާޙަދާ އެކުލަވައިލާފައި ވަނީ އާސިއާންގެ ގައުމުތަކުގެ މެދުގައި ގާއިމުކުރެވިފައިވާ ގުޅުންތައް ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން ދެމެހެއްޓުމުގެ މަގުސަދުގައެވެ. އޭގެ ތެރޭގައި ސައުތް އީސްޓް އޭޝިޔާގެ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް އެ ސަރަޙައްދުގެ ސުލްޙަ މަސަލަސްކަން ގާއިމުކުރުމާއި މުއާހަދާގައި ބައިވެރިވާ އާންމު ފަރާތްތަކުގެ މަސްލަޙަތުތައް ހިމާޔަތްކުރުމާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަހިކުރަންވާނެ ކަމުގައި މި މުއާހަދާގައި ބަޔާންކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355