ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ހީނަރުކަމުން އަރައިގަނެވި އާންމު ހާލަތަށް ރުޖޫއަވެވޭނީ ވީ އެންމެ ގިނަ މީހުން ވެކްސިން ޖަހައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެއްޓެވުމުގެ ގޮތުން މިއަދު ބޭއްވި ހާއްސަ ޖަލްސާގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ދަތިތަކަށް ފަހު ސްކޫލްތަކުގެ ކިޔެވުން ފަށައި، ދަތުރުފަތުރު ރަނގަޅަށް ފެށޭނީ ވީހާ ވެސް ގިނަބަޔަކު ވެކްސިން ޖަހައި ބަލިން ރައްކާތެރިކަން ހޯދައިގެން ކަމަށެވެ.
އެގޮތުން ރައީސް ވަނީ ކޮވިޑާއި ދެކޮޅަށް މިދިޔަ އަހަރު ސަރުކާރުން ކުރި މަސައްކަތާއި މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ މިހާރު ރާއްޖެއަށް ކޮވިޑް-19 ވެކްސިން ގެނެވިފައިވާއިރު ރާއްޖޭގައި ތިބި އެންމެނަށް ވާވަރަށް ވެކްސިން ލިބޭނެކަން މިހާރު ޔަގީންވެފައިވާ ކަމަށެވެ.
ސަރުކާރުން ވަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހިމެނޭގޮތަށް އެންމެންނަށް ހިލޭ ވެކްސިން ދޭން ނިންމާފައެވެ.
ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ސަރުކާރުގެ ހުރިހާ ހަކަތައެއް ބޭނުންކުރީ އެ ބަލިން ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރުމަށް ކަމަށެވެ.
ނަތީޖާ އެނގިތިބެ ވެސް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ބައެއް ފިޔަވަޅުތައް އަޅަން މަޖުބޫރުވިކަމަށާއި، ބޯޑަރު ބަންދުކޮށް މާލެ ލޮކްޑައުންކުރުމަކީ ފަސޭހަ ނިންމެވުމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ފިޔަވަޅުތަކާއެކު މިބައްޔަށް ފަރުވާކުރެވޭ އިންތިޒާމް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހަމަޖައްސާ، 362 ސިއްޙީ ޚިދުމަތްތެރިން ތަމުރީންކުރި ކަމަށާއި ދުވާލަކު 5600 އަށްވުރެ ގިނަ ކޯވިޑް ޓެސްޓް ހެދުމުގެ ޤާބިލުކަން ރާއްޖޭގައި މިހާރު ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ސަރުކާރުން އެކުލަވައިލި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރި ބުރަ މަސައްކަތްތަކާއި، ޓެކް ނިކަލް އެޑްވައިޒަރީ ޓީމުން ނިންމި ނިންމުންތަކާއި، މި ބައްޔާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ތިބި ހިދުމަތްތެރިންގެ މަސައްކަތް ފާހަގަކުރައްވައި އެބޭފުޅުންނަށް ވެސް ރައީސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.