twitterviber whatsapp telegramfacebookyoutube instagram
20th April 2024

20 ރަށެއްގައި ހުރި ގިނަ ދުވަސްވީ ކުނިތައް ހަތް މަސްތެރޭގައި ނެގުމަށް ވެމްކޯއާ ހަވާލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Feb 4, 2021

20 ރަށެއްގައި ގިނަ ދުވަސްތަކެއް ވަންދެން ޖަމާވެފައިވާ ހުރި ކުނިތައް ނަގައި ސާފުކުރުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތުގައި ރާއްޖޭގެ ރަށްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރައްކާތެރިގޮތުގައި ކުނި މެނޭޖްކޮށް، ނައްތައިލުން ކަމަށެވެ.

އަދި އެކަން ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، އެގޮތުން 20 ރަށެއްގައި ޖަމާވެ ގިނަ ދުވަސްވެފައި ހުރި ކުނިތައް ވެމްކޯ މެދުވެރިކޮށް ނަގައި ސާފުކުރުމަށް އެ ހަވާލުކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، އެކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ ހަތް މަސްދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށެވެ.

މިކަން ދާއިމީ ގޮތެއްގައި ހައްލުކުރުމަށްޓަކައި، ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުނި މެނޭޖްކުރާނެ ވަސީލަތްތައް ތަރައްހީކުރަމުން އަންނަކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިދާއިރާއިން ކުރިއަށްއޮތް ތަނުގައި، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ރަށު ފެންވަރުގައި ރައްކާތެރިކަމާއެކު ކުނި މެނޭޖްކޮށް، ކުނިން މަންފާ ހޯދޭނެ ނިޒާމެއް ޤާއިމްކޮށްދިނުމަށް." ރިޔާސީ ބަޔާނުގައި ކުނީގެ މައްސަލައަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355