އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފެށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެއްޓެވުމުގެ ގޮތުން މިއަދު ބޭއްވި ހާއްސަ ޖަލްސާގައި މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ 70 އިންސައްތަ އަށްވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށްފައި ނުވާކަމަށެވެ.
ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހައްގެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މި ސަރުކާރުން ދަނީ އެ ހައްގު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންކަމަށެވެ.
އެގޮތުން މި އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފެށުމަކީ އަމާޒެއްކަން ރައީސް ފާހަގަ ކުރެއްވި އެވެ.