ހއ.ދިއްދޫ އަދި ށ. ފުނަދޫގައިވެސް ކޮވިޑް-19 ވެކްސިން ޖަހަން ފަށައިފި އެވެ. މި ދެ ރަށުންވެސް ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހު މެދުރު ފަހު އެވެ.
ކޭއޯއަށް މައުލޫމާތު ދެއްވަމުން ށ. ފުނަދޫ ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ޒުމްރަތު ވިދާޅުވީ އެ ރަށުން މިހާތަނަށް 15 މީހަކަށް ވެކްސިންޖަހާފައިވާކަމަށެވެ. އެންމެ ފުރަތަމަ އެ ރަށުގައި ވެކްސިން ޖެހީ މެނޭޖަރު ޒުމްރަތެވެ.
އަންނަ އަންގާރަ ދުވަހުން ފެށިގެން 50 އަހަރުން މަތީގެ މީހުންނަށާއި ހައިރިސްކް، ފްރަންޓްލައިން އަދި ހެލްތް ދާއިރާގެ މީހުންނަށް ވެކްސިންދޭން ފަށާނެ ކަމަށެވެ. ނަން ނޯޓް ކުރަން ހުޅުވާލި ފުރުސަތުގައި މިހާތަނަށް 300 އަށްވުރެން ގިނަ މީހުން ރަޖިސްޓްރީވެފައިވާކަމަށް ޒުމްރަތު ވިދާޅުވި އެވެ.
ޒުމްރަތު ވިދާޅުވީ އަތޮޅުގެ އެހެން ރަށްރަށުގައި އަދި ވެކްސިންދޭން ނުފަށާކަމަށާއި ނަމަވެސް ވަރަށް އަވަހަށް އެހެން ރަށްރަށުގައި ނަންނޯޓްކޮށްފައިވާ އަދަދަށް ވެކްސިންލިބޭނެ ކަމަށެވެ.
ހއ. ދިއްދޫ ހޮސްޕިޓަލް މެނޭޖަރު އުސްމާން އަސްރަފު ކޭއޯއަށް ވިދާޅުވީ މިހާތަނަށް ވެކްސިން ޖަހާފައިވަނީ 21 މީހުން ކަމަށާއި އެ ރަށުން ފުރަތަމަ ވެކްސިންޖެހުމުގެ ފުރުސަތު ދިނީ ކޮވިޑްގެ ހާލަތުގައި އެންމެ ހީވާގިކަމާއެކު އެ ރަށުގައި ހަރަކާތްތެރިވި އެއްފަރާތް ކަމުގައިވާ ޖަވާދާ ނަސީރަށް ކަމަށެވެ.
އުސްމާނު ވިދާޅުވީ އަދި ވެކްސިންޖަހާފައިވަނީ ހަމައެކަނި ހެލްތް ދާއިރާގެ މީހުންނަށް ކަމަށެވެ. އާންމު ރައްޔިތުންނަށް ވެކްސިންޖަހަން ހުޅުވާލާނީ ހެލްތް ދާއިރާގެ ފަރާތްތަކަށް ޖަހާފައިކަމަށާއި އަދި އަތޮޅުގެ އެހެން ރަށްތަކުގައިވެސް ވެކްސިން ޖަހަން ނުފަށާކަމުގަ އެވެ.
ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި ވެކްސިނެވެ. އެއީ އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލް ވެކްސިންގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ. އަދި ޗައިނާއިންވެސް ވެކްސިން ހަދިޔާކުރަން ވަނީ ނިންމާފަ އެވެ. ޗައިނާއިން ހަދިޔާކުރަން ނިންމާފައިވަނީ ސައިނޯފާމް، 100،000 ޑޯޒެވެ.
މީގެ އިތުރުން ސަރުކާރުންވެސް ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ.