twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބޯހިޔާވަހިކަމަށް ހައްލު ހޯދައިދޭނަން، އެކަމަށްޓަކާ ދާން ޖެހުނު ހިސާބަކަށް ދާނަން: އާތިފް

- ސިޓީ ކައުންސިލުން ފުރަތަމަ އެކުލަވާލާނީ ތަރައްގީ ޕްލޭން
- ޒަމާނީ ސިޓީއަކަށް ބަދަލުކޮށް ރައްޔިތުންނާ ގާތުން ހިދުމަތްދޭނަން
- ސިޓީ ކައުންސިލާއެކު ފެށިގެން ދާނީ ކުޅުދުއްފުށީގެ ތަރައްގީގެ އާ ޒަމާނެއް

އަބްދުލް ވާހިދު ޙަސަން
Feb 25, 2021
15

ކުޅުދުއްފުށި ސިޓީގެ ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި އެ މައްސަލައަށް ހައްލު ހޯދުމަށް ދާން ޖެހުނު ކޮންމެ ހިސާބަކަށް ދާނެކަމުގައި، އެމްޑީޕީ ޓިކެޓްގައި ކުޅުދުއްފުށި ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ލޯންޗްކުރަން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، އާތިފް ވިދާޅުވީ، ޒުވާނުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބޭނެ ގޮތެއް އަޅުގަނޑުމެން ހޯދާނަން. އެ ހައްލު ހޯދުމަށް އަޅުގަނޑުމެން ދާން ޖެހުނު ހިސާބަކަށް ދާނަން." އާތިފް ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައި 8 ވަނަ އިސްލާހާއެކު ކައުންސިލްތަކަށް މިވަނީ ބޮޑެތި ބާރުތަކާއި ބޮޑު ބަޖެޓްވެސް ހަމަޖެހިގެންގޮސްފައިވާކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ، އެމްޑީޕީގެ ސިޓީ ކައުންސިލެއްގައި އެންމެ ފުރަތަމަ ކުރާނެ ކަމަކީ ސިޓީގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލުން ކަމަށެވެ.

"މި ލިބުނު ފަހި ފުރުސަތުގައި އަޅުގަނޑުމެންގެ ސިޓީ ކައުންސިލަކުން އެންމެ ފުރަތަމަ ކުރާނެކަމަކީ މިސިޓީގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލުން. އެނގިވަޑައިގަންނަވާނެ މިރަށަކީ ބިމުގެ ދަތިކަން ވަރަށް ބޮޑު ރަށެއް. އެހެންކަމުން ރައްޔިތުންގެ ހިޔާލާއި ފަންނީ ބޭފުޅުންގެ ލަފަޔާއެކު ލޭންޑްޔޫސް ޕްލޭނެއް އެކުލަވާލުމަކީ އަޅުގަނޑުމެން ކުރާނެކަމެއް." އާތިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީގެ ސިޓީ ކައުންސިލް ވެގެންދާނީ ޒިންމާދާރުކަމާއެކީގައި ދެ ފުށްފެންނަ ސިޔާސަތެއްގެ ތެރެއިން ހިނގާނެ ޒަމާނީ ސިޓީ ކައުންސިލަކަށް ކަމަށެވެ. އެގޮތުން ސްމާޓް ސިޓީ ކޮންސެޕްޓަށް ކައުންސިލް އޮޓޮމޭޓްކުރެވި ރައްޔިތުންނާ ގާތަށް ހިދުމަތްތަށް ގެނެސްދެވޭނެ އެވެ.

ސިޓީއެއްގެ ތަރައްގީ އާއި ކުރިއެރުން ބިނާވެގެން އަންނަނީ ސަރުކާރާއި ކައުންސިލް ކުރާ މަސައްކަތަކުންކަން ފާހަގަކޮށް ވިދާޅުވީ މިއުފެދޭ އެމްޑީޕީ ސިޓީ ކައުންސިލާއެކު ފެށިގެން ދާނީ ކުޅުދުއްފުށީގެ ތަރައްގީގެ އާ ޒަމާނެއް ކަމަށެވެ.

ޒަމާނުންސުރެ ކުޅުދުއްފުއްޓަކީ ވިޔަފާރީގެ ރަށެއްކަން ފާހަގަކުރައްވަމުން އާތިފް ވިދާޅުވީ، ސަރަހައްދީ ބަނދަރުތަކަށް 50 ފަސެންޓް މާފުވުމާއި ކޮޗިން ފެރީގެ ހިދުމަތާއި ގުޅިގެން ވިޔަފާރިވެރިންނަށް އިތުރު ފަހި ފުރުސަތުތަކެއް ހުޅުވިގެންގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް މިފުރުސަތުގެ އެންމެ އެދެވޭ ބޭނުން ހިފެން އަންނަނީ ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު އިތުރަށް ތަރައްގީކުރެވި މަގަތު ފާލަމެއް ހެދި، އިތުރަށް ތަރައްގީކުރެވިގެން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމު 2010 ވަނަ އަހަރު އެމްޑީޕީން އުފަން ކުރުވިޔަސް މި ނިޒާމުގެ އެންމެ ފޮނި މޭވާ ދިވެހި ރައްޔިތުންނަށް މިވަނީ ނުލިބި ކަމަށާ މިކަން އެންމެ ގާތުން ދެކޭނެ އެއްބަޔަކީ ކުޅުދުއްފުށި ސިޓީގެ ރައްޔިތުން ކަމަށެވެ. އެމޭރުމުން ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން 2010 ވަނަ އަހަރު، 11 ދުވަސްތެރޭގައި 28 ހެކްޓަރުގެ ވެލިގަނޑު ހިއްކާ ނިންމަ އޮންނަތާ 11 އަހަރުވެއްޖެގެންދިޔައިރުވެސް އެ ވެލިގަނޑުން ކުޅުދުއްފުށީގެ ރައްޔިތަކަށްވީ އެއްވެސް މަންފާއެއް ނެތް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355