"ކޮވިޑް-19 ދިފާއު" ވެކްސިން ކެމްޕޭނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބަންގްލަދޭޝްގެ ޓީމެއް ރާއްޖެ ގެންނަން ނިންމައިފި އެވެެ. ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ބަގްލަދޭޝްގެ އެއާފޯސްގެ ސިއްހީ އެހީތެރިންގެ ޓީމެކެވެ.
ރައީސް އޮފީހުން ބުނީ އެ ޓީމަކީ ރާއްޖޭގެ ވެކްސިން ފޯރުކޮށްދިނުމުގެ ކެމްޕޭނަށް އެހީތެރިވުމުގެ ގޮތުން އަންނަ ބައެއް ކަމަށާއި، އެ މީހުން މާލެ އާއި އަތޮޅު ތެރޭގެ ހޮސްޕިޓަލުތަކުގެ އިތުރުން ހެލްތު ސެންޓަރުތަކުގައިވެސް ހަރަކާތްތެރިވާނެ ކަމަށެވެ.
ބަންގްލަދޭޝް އެއާފޯސްގެ 23 މީހުންގެ ޓީމު ރާއްޖެ އަންނާނީ މިއަދު އެވެ. އެ ޓީމުގައި ހިމެނެނީ 11 ނަރުހުންނާއި، 10 މެޑިކަލް އެސިސްޓެންޓުންނާއި އެނެސްތީސިއޮލޮޖިސްޓެއް ކަމަށާއި އެ މީހުން މަސައްކަތް ކުރާނީ ރާއްޖޭގެ ސިއްހީ މަސައްކަތްތެރިންނާ ގުޅިގެން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ބަންގްލަދޭޝްގެ ސިއްހީ އެހީތެރިން ރާއްޖެ އަންނަނީ، ރައީސް ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިންނެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން ބަންގްލަދޭޝް ސަރުކާރުގައި އެކަމަށް އެދިވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެއީ މިނިސްޓަރު ޝާހިދު ފެބްރުއަރީ 10 ވަނަ ދުވަހު އެ ގައުމަށް ކުރެއްވި ޒިޔާރަތުގަ އެވެ.