twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދިރާސީ އަހަރުގެ ކިޔެވުން ފެށުން ކޮންމެ އަހަރެއްގެ އޯގަސްޓަށް ބަދަލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Mar 7, 2021

ދިރާސީ އަހަރުގެ ކިޔެވުން ފެށުން ކޮންމެ އަހަރެއްގެ އޯގަސްޓްމަހަށް ބަދަލުކޮށްފި އެވެ. ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިބަދަލު ގެނެސްފައިވާކަން ހާމަކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ އެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު ނިންމާފައިވާގޮތުގައި ދިރާސީ އާ އަހަރުގެ ކިޔެވުން ދެން ފެށިގެންދާނީ ކޮންމެ އަހަރެއްގެ ވެސް އޯގަސްޓްމަހު ކަމަށެވެ. މި ބަދަލާއެކު ބޮޑު ޗުއްޓީ ދެން ލިބޭނީ ޖޫންމަހުގެ ފަހުކޮޅު ނުވަތަ ޖުލައިމަހު ކުރީކޮޅުކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަމުންދިޔައީ ޖެނުއަރީމަހު އެވެ. އެހެންނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން ތައުލީމީ ދާއިރާއަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަ މަޖުބޫރުވި އެވެ.

"ދެން ފުރަތަމަ ޓާރމްގެ ނިންމާލާފަ، ޓާރމް ބަންދާއެއްކޮށް މުޅި އެކު ދެ ހަފްތާ ނުވަތަ ތިން ހަފްތާ ޑިސެމްބަރު ފަހުކޮޅު ލިބިގެންދާނީ." މިނިސްޓަރު އައިޝަތު ވިދާޅުވި އެވެ.

ޑެޕިއުޓީ މިނިސްޓަރު މުޖާހިދު މިބައްދަލުވުމުގައި ވިދާޅުވީ، މިބަދަލު ގެނެސްފައިމިވަނީ ކަމާ ގުޅުން ހުރި ވަރަށް ގިނަ ބަޔަކާ މަޝްވަރާކުރުމަށްފަހު ކަމަށާ މިގޮތަށް ބަދަލުގެނައުމަށް ވަރަށް ގިނަ ފަރާތްތަކުން މިނިސްޓްރީންއަށް ލަފާދެއްވާފައިވާ ކަމަށެވެ.

ވަކިން ހާއްސަކޮށް ރާއްޖޭގެ އެންމެ ބޮޑު އެއް ދާއިރާކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާގެ އެކި ބޭބޭފުޅުން މިކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

ޑެޕިއުޓީ މިނިސްޓަރު އިހުސާން ވިދާޅުވީ މިބަދަލު ގެނައުމުގައި ކަމާ ގުޅުން ހުރި ފަރާތްތަކުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި މިކަން އޮންނަ ގޮތް ބެލުމަށްފަހު ނިންމި ނިމުމެއް ކަމަށެވެ.

މިނިސްޓަރު އައިޝަތު ވިދާޅުވީ، މިނިސްޓްރީން ނިންމުމެއް ނިންމާއިރު ބަލަނީ ދަރިވަރުންނަށް އެންމެ ފައިދާ ބޮޑު ގޮތަކަށް އެކަމެއް ނިންމަން ކަމަށާއި މ ބަދަލާއެކު ދަރިވަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން އެކަމަނާ ފާހަގަކުރެއްވީ، ބައިނަލްއަގްވާމީ ގޮތުން ލިބޭ ފުރުސަތުތައް ބޭނުންކުރުމުގައި ދަރިވަރުންނަށް މަގުފަހިވުމާއި ދަރިވަރުންނަށް ލިބޭ ފުރުސަތުތައް އިތުރުވެގެންދާނެ އެވެ.

އަދި ދަރިވަރުންނަށް މަސައްކަތްތެރިކަން ކިޔަވައިދިނުމުގައި ސަރުކާރު އެއީ ވަރަށް ބޮޑަށް ފޯކަސް ކުރާކަމެއް ކަމަށާ އެހެންވީމަ އެކި އިންޑަސްޓްރީތަކުގައި ދަރިވަރުންނަށް މަސައްކަތް ކުރުމުގެ ފުރުސަތަށް މީގެން ފަހިވެގެންދާނެކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ދަރިވަރުންނަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން އާއިލާއެކު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355