twitterviber whatsapp telegramfacebookyoutube instagram
24th April 2024

ދަރިވަރުން އުނގެނޭ ތަކެތި ބިނާވަނީ މުދައްރިސުން އުފައްދާ ގުޅުމާއި މުއާމަލާތު ކުރާ ގޮތްތަކުން: އެޑިއުކޭޝަން މިނިސްޓަރު

ނަބީލާ އިސްމާޢީލް
Oct 5, 2022

ދަރިވަރުން އުނގެނޭ ތަކެތި ބިނާވަނީ މުދައްރިސުން އުފައްދާ ގުޅުމާއި މުއާމަލާތު ކުރާ ގޮތްތަކުންކަމަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުން އުނގެނޭ ތަކެތި ބިނާވަނީ ހަމައެކަނި މުދައްރިސުން ނަގައިދޭ ފިލާވަޅުން ނޫން ކަމަށާއި މުދައްރިސުންގެ ސުލޫކާއި ދަރިވަރުންނާއި މުޖުތަމައުއާއެކު މުދައްރިސުން އުފައްދާ ގުޅުންތަކާއި މީހުންނާ މުއާމަލާތުކުރާ ގޮތްތަކުންވެސް ދަރިވަރުން ނަމޫނާ ނަގާ ކަމަށެވެ.

އަދި ދަރިވަރުންގެ ދިރިއުޅުމުގައި އެކުދިންނަށް އެންމެ ނުފޫޒު ފޯރާ އުމުރުފުރާގައި އެކުދިންނާ ބައްދަލުވާ މުދައްރިސުންނަކީ އެކުދިންގެ އުޅުންތަކާއި ގުޅުންތައް ބައްޓަންކުރާ ފަރާތް ކަމުގައެވެ.

"އެހެން ކަމުން އަޅުގަނޑު ތިޔަ ލޮބުވެތި މުދައްރިސުންގެ އަރިހުން އެދެނީ ދަރިވަރުންގެ ގައިގަ އަށަގަންނުވަން އަޅުގަނޑުމެން ބޭނުންވާ ރިވެތި ސިފަތަކުން ތިޔަ ބޭފުޅުން ނަމޫނާ ދެއްކެވުން" މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ ދީނާއި ގައުމުދެކެ ލޯބިވާ ބަޔަކަށްވުމާއި އެކަކު އަނެކަކަށް އަޅާލުމާއި އިހްތިރާމްކުރުމާއި އިގްތިސާދު ކުރުންފަދަ މަކާރިމުލްއަހްލާގުގެ އުޅުންތަކުން ފޭރާންލުމަށާއި، މުދައްރިސުން ދެއްކި ނަމޫނާ ނޫން އެހެން އުޅުމެއް ދަރިވަރުންގެ ފަރާތަކުން ފަހުން ނުފެންނާނެކަމަށާއި އިންދި އޮށުގެ ބާވަތަކުން ނޫނީ ގޮވާމެއް ނުކެނޑޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާއަށް އަންނަ ކޮންމެ މާނަވީ ބަދަލެއް ތަންފީޒުކުރާ ފަރާތަކީ މުދައްރިސުންކަން ފާހަގަކުރައްވާ ގައުމު ގެންދާން ބޭނުންވާ މިސްރާބު ޙގީގަތުގައި އަމާޒުކުރާ ފަރާތަކީ މުދައްރިސުންކަމަށް ވިދާޅުވެފައެވެ.

މި ހިތާބުގައި މިނިސްޓަރ ވަނީ ހަލުވި ދުވެއްޔެއްގައި ތަރައްގީވަމުންދާ ދުނިޔެއަށް ހޭލުންތެރިވެފައިވާ ދަރިވަރުން ބިނާ ކުރުމަށްޓަކައި ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން އިހުގައި ޗޯކާއި ބޯޑުން ފުދުނުކަމުގައިވިޔަސް އަދުގެ ދަރިވަރުންނަށް ބޭނުންވަނީ ފަންނުވެރިކަމާއި ޓެކްނޮލޮޖީއާއި، އުފެއްދުންތެރިކަމުގެ ހުނަރުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އިހުގައި ކުލާހުގެ ހަތަރު ފާރުގެ ތެރެއިން ފިލާވަޅު ނަގައި ދެވުނު ކަމުގައިވިއަސް އަދުގެ ދަރިވަރުންނަށް އުޅެން ދިމާވެފައިވަނީ ޓެކޮނޮލޮޖީގެ ވެއްޓެއްގައިކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ތަޢުލީމީ ދާއިރާއަށް އަންނަ ކޮންމެ އިންގިލާބީ ބަދަލެއްގެ ފަހަތުގައި ތިބެނީ ހަމަ ތިޔަ މުދައްރިސުން. މިކަން ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ކަށަވަރު ކޮށްދެއްވައިފި. ކޮވިޑުގެ އަނދިރި ވިލާގަނޑުގެ ތެރެއިން އުނގެނުން ހުއްޓާލަން ޖެހިދާނެކަމުގެ ބިރުވެރިކަން އަޅުގަނޑުމެންނާ ކުރިމަތިވީ ހިނދު ކުލާހުގެ ހަތަރުފާރުން ބޭރުވެ ބޭރުގެއަށް ފިލާވަޅުތައް ގެނެސްދިނުމުގައި މުދައްރިސުން އިސްނަންގަވައިގެން އެ ކޮށްދެއްވި ބުރަ މަސައްކަތް މިކަމުގެ ދަލީލަކަށް ފުދޭ."މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވިއެވެ.

މި އަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިޔާރެއްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅަފައިވަނީ، "ދަ ޓްރާންސްފޮމޭޝަން އޮފް އެޑިއުކޭޝަން ބިގިންސް ވިތް ޓީޗަރ"އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355