ކޮވިޑް-19 ވެކްސިން ދޭން ފެށިފަހުން އިއްޔެއަކީ ކުޅުދުއްފުށީގައި އެންމެ ގިނަ ބަޔަކު ވެކްސިން ޖެހި ދުވަހެވެ. 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމަށް މިދިޔަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ކުރިއަށްގެންދިޔަ، އާދިއްތަ ދުވަހު ވަނީ 500 އަށްވުރެގިނަ މީހުން ވެކްސިން ޖަހާފަ އެވެ.
ކޭއާރުއެޗުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު އިއްޔެ 589 މީހުން ވަނީ ކުޅުދުއްފުށިން ވެކްސިން ޖަހާފަ އެވެ. އެއާއެކު ކުޅުދުއްފުށިން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 2296 އަރާފަ އެވެ.
ހދ އަތޮޅުގެ ބައެއް ރަށްތަކަށް ބަލާލާއިރު އިއްޔެ ވެކްސިން ޖެހުމުގެ ހަރަކާތް ވަނީ އިތުރު 8 ރަށެއްގައިވެސް ކުރިއަށްގެންގޮސްފަ އެވެ. އިއްޔެ ޖުމްލަ 816 މީހުންނަށް ހދ އަތޮޅުގައި ވެކްސިން ދީފައިވެ އެވެ.
އެގޮތުން ހަނިމާދޫ، ނޮޅިވަރަންފަރު، މަކުނުދޫގައި އެއިން ކޮންމެ ރަށެއްގައި 48 މީހަކަށް ވަނީ ކޮވިޑް-19 ވެކްސިން ދީފަ އެވެ. ފިނޭގައި 24 މީހަކަށް ވެކްސިން ދިންއިރު ނެއްލައިދޫ އާއި ކުރިނބީގައި އިއްޔެ ވަނީ 12 މީހުންނަށް ވެކްސިން ދީފަ އެވެ. އަދި ވައިކަރަދޫގައި 11 މީހަކަށް އިއްޔެ ވެކްސިން ދީފައިވެ އެވެ.
ހދ އަތޮޅުގައި ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދަށް ބަލާލާއިރު އެއަތޮޅުގައި ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 5050 އަށް އަރާފަ އެވެ.
ރާއްޖޭގައި ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ ފެބްރުއަރީމަހު ފުރަތަމަ ދުވަހު އެވެ. މިހާތަނަށް ރާއްޖޭގައި ޖަހަމުން ދަނީ އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލް ވެކްސިނެވެ.