ކުޅުދުއްފުށީގައި އުޅޭ 18 އަހަރުން މަތީގެ މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ހުޅުވާލުމާއެކު އެކަމަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ. އެ އުމުރުފުރާއަށް ވެކްސިން ޖެހުމަށް ފުރަތަމަ ހުޅުވާލީ މިމަހުގެ 6 ވަނަ ދުވަހު އެވެ.
18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމަށް ހުޅުވާލި ހަތަރު ދުވަހުވެސް ގިނަ ބަޔަކު ވަނީ ވެކްސިން ޖަހާފަ އެވެ. ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ވެކްސިން ޖެހުމަށް ހުޅުވާލި މިމަހު 6،7،9 އަދި 10 ވަނަ ދުވަހު އެވެ. އެ ހަތަރު ދުވަހުވެސް ވެކްސިން ޖެހުމަށް ބޮޑު ކިޔުއެއް ދަމާލި އެވެ.
އެގޮތުން ހަވަނަ ދުވަހު 312 މީހުން ވެކްސިން ޖެހިއިރު 7 ވަނަ ދުވަހު 589 މީހަކު ވެކްސިން ޖެހި އެވެ. އަދި 9 ވަނަ ދުވަހު 600 މީހުން، ދިހަވަނަ ދުވަހު 776 މީހަކުވަނީ ކޮވިޑް-19 ވެކްސިން ޖަހާފަ އެވެ. އެއާއެކު ކުޅުދުއްފުށީގައި ކޮވިޑް-19 ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 3672 އަރާފަ އެވެ.
އުމުރުފުރާތަކަށް ހުޅުވާލައިގެން ވެކްސިން ޖެހުމުގެ ކަންކަން ކުރަމުންދިޔައިރު އެކަމަށް އެހާބޮޑު ތަރުހީބެއް ލިބިފައެއް ނުވެ އެވެ. އެހެންވުމުން 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހަން ހުޅުވާލުމާއެކު އެކަމަށް އެހާބޮޑު ތަރުހީބެއް ލިބިގެންދާނެކަމަށް ހެލްތް އޮފިސަރުން ތިބީ ތައްޔާރުވެފައެއް ނޫނެވެ.
އެހެންވުމުން 6 ވަނަ ދުވަހު ކޮންމެވެސް ވަރެއްގެ ދަތިތަކެއްވެސް ކުރިމަތިވި އެވެ. އެކަމަކު އެ މައްސަލަތަކަށް އަވަސް ހައްލެއް ގެނެސްފައިވާކަން ފާހަގަކުރެވެ އެވެ. ވެކްސިން ޖެހުމަށް ދިޔަ މީހުންގެ އެންމެ ބޮޑު ހިތްހަމަނުޖެހުމަކަށްވީ ދިގު ކިޔުއަކަށް އަރަން ޖެހުމުންނެވެ.
"ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށްވެސް ޖެހުނީ ދިގު ކިޔުއަށް އަރަން. މީހުން ތަންތަނަށް އެއްނުވުމަށް ގޮވާފަ މި މީހުން، (ޕަބުލިކް ހެލްތް) މީހުން މި އެއްކުރަނީ." އިއްޔެ ވެކްސިން ޖެހުމަށް ދިޔަ މީހެއްގެ އިހުސާސްތައް ކިޔާލި އެވެ.
އޭނާ ބުނީ ވެކްސިން ޖެހުނީ ކިޔުގައި ހުންނަތާ 4-5 ގަޑިއިރު ފަހުން ކަމަށެވެ. މި ބޮޑު އާބާދީގައި މިކަން ކުރަން މިއަށްވުރެ ފަސޭހަ އިންތިޒާމެއް ހަމަޖައްސަން ޖެހޭނެކަމަށް ދެކޭ ކަމަށެވެ.
ފަހު ތިން ދުވަހު ވެކްސިން ޖެހުމަށް ގިނަ ބަޔަކު ޖަމާވިކަން ފާހަގަކުރައްވަމުން ސިއްހީ އޮފިޝަލަކު ވިދާޅުވީ، އެއީ އެފަރާތުންވެސް ދެކެން ބޭނުންވާ މަންޒަރެއް ނޫން ކަމަށެވެ. އެކަމަކު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމު ހަމަޖައްސައިދީފައިވާނޭކަމަށް އޭނާ ވިދާޅުވި އެވެ.
ކިޔުގައި ވީލް ޗެއަރގައި ތިބި ފަރާތްތަކަށްވެސް ފަސޭހަ އިންތިޒާމު ހަމަޖައްސައިދިންކަން ފާހަގަކުރައްވަމުން އޮފިޝަލް ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ މީހެއްކަން އެފަރާތަށް އެންގުމުންވެސް ކިޔުގައި ނުތިބެ ވެކްސިން ޖެހޭނެ ކަމަށެވެ.
މިއަދުވެސް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާއިރު މިއަދު ދޫކުރަނީ 100 ނަންބަރެވެ. އެއީވެސް މީހުން ޖަމާނުކުރުމަށް އެޅި ފިޔަވަޅެކެވެ. މިއަދު ވެކްސިން ޖެހުމުގެ ކަންކަން ކުރަމުންދަނީ އުފަން ހިޔާ އިމާރާތުގައި އެވެ.