ކޮވިޑް ކޭސްތަކެއް ފެނުމާ ގުޅިގެން ހއ. ބާރަށް މޮނިޓަރިންއަށް ލާފައިވާތީ ޖެންޑަރ މިނިސްޓްރީގެ ފަރާތުން އެރަށުގެ ބައެއް އާއިލާތަކަށް ކެއާ ޕެކޭޖް ފޮނުވައިފިއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ބާރަށުގެ 63 އާއިލާއަކަށް ކެއާ ޕެކޭޖް ފޮނުވާފައިވާ ކަމަށާ މީގެ އިތުރަށް އަދިވެސް އެ ރަށުގައި އެހީ ބޭނުންވެފައިވާ އާއިލާތައް ތިބިތޯ ބަލާ ކުރިއަށް އޮތް ތަނުގައި އެ އާއިލާތަކަށްވެސް އެހީ ފޯރުކޮށްދޭނެ ކަމަށެވެ.
ޕެކޭޖްތަކުގައި ހުންނާނީ ކެއިން ބުއިމާއި އެހެނިހެން ޒަރޫރީ ކަންކަމަށް ބޭނުންވާ ސާމާނުކަމަށް ޖެންޑާއިން މައުލޫމާތު ދެއެވެ.
މިނިސްޓްރީން ބުނީ ކެއާ ޕެކޭޖްތައް ފޮނުވާފައިވާނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބި އާއިލާތަކާއި، ބަލިކަމުގައި އެނދުމަތިކޮށްފައި ތިބި މީހުންގެ އާއިލާތަކާއި، އަދި މިހާލަތުގައި ޒަރޫރީ ބޭނުންތައް ފުއްދާނެ ތަކެތި ހޯދުމަށް މާލީ އެހީ ބޭނުންވެފައިވާ އާއިލާތައް ބަލައި އެ އާއިލާތަކަށް އިސްކަންދީގެން ކަމަށެވެ.
ބާރަށުން ކޮވިޑް-19 ފެނި އެރަށް މޮނިޓަރިންއަށް ލާފައިވާތާ މިހާރު ވަނީ 19 ދުވަސްވެފައެވެ. އެރަށުން ފުރަތަމަ ޕޮޒިޓިވްވީ ރަށަށް ގޮސް ކަރަންޓީނުގައި ތިބި ބައެކެވެ.