ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރާނީ އެމްޑީޕީން ކަމަށާއި އެކަން ހައްލުކުރުމަށް އެމްޑީޕީގެ ސިޓީ ކައުންސިލުން ނިންމާފައިވާ ގޮތް ކުޅުދުއްފުށި ސިޓީ މޭޔަރުގެ މަގާމަށް ކުރިމަތިލައްވާފައިވާ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު އާތިފް ވިދާޅުވެދެއްވައިފި އެވެ.
އާދިއްތަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި އެމްޑީޕީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ، ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރާނީ އެމްޑީޕީގެ ސިޓީ ކައުންސިލުން ކަމަށެވެ. އަދި އެކަން ކުރަން ނިންމާފައިވާ ގޮތްވެސް އޭނާ ވަނީ ވިދާޅުވެދެއްވާފަ އެވެ.
"އަޅުގަނޑުމެން މިދައްކަނީ މިރަށުގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރާނެ ވާހަކަ. އަޅުގަނޑުމެން ސިޓީ ކައުންސިލުން ހައުސިން ސްކީމެއް ތައާރަފުކުރާނަން." އާތިފު ވިދާޅުވި އެވެ.
2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ރައްޔިތުންގެ ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ ހިމަނަން ނިންމާފައިވާކަން އެނގިލައްވާ ކަމަށާއި އޭގެ ތެރެއިން ރަނގަޅު އިންސަތައެއް ކުޅުދުއްފުއްޓަށްވެސް ލިބިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެ އިންސަތައިން އެކަނި ފުއްދާލުމުގެ ބަދަލުގައި ލޯނު ދޫކޮށް އިކުއިޓީ ރޭޒްސް ކޮށްގެން އެއަށްވުރެ ބޮޑުކޮށް ހައުންސިން މަޝްރޫއު ހިންގޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިސިޓީއަށްވެސް އޭގެ ތެރެއިން ރަނގަޅު އިންސަތައެއް ލިބޭނެކަން އަޅުގަނޑުމެން ހަމަ ޔަގީންކުރަން. އެ އިންސަތައެއް ނުޖެހޭ ކޮންމެހެން އޭތިކޮޅުން ހަމަ ފުއްދާލާކަށް. އަޅުގަނޑުމެންނަށް މިހާރު އަމިއްލައަށް އެބަ ލިބޭ އިކުއިޓީއޭގެން ރޭޒްސްކޮށްފައި ލޯނަށް ވަދެން، އެއަށްވުރެ ބޮޑުކޮށް އެ ޕްރޮޖެކްޓް ހިންގުމުގެ ބާރު އަޅުގަނޑުމެންނަށް އެބަ އޮތް މިހާރު." އާތިފް ވިދާޅުވި އެވެ.
"އެހެންކަމުން އަޅުގަނޑު ޝައްކެއް ނުކުރަން މިރަށުގައި ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި 1200 އާއިލާއަށް އެކަންކޮށްދެވޭނެކަމާ މެދުގައި އެއް. އަޅުގަނޑު ޝައްކެއް ނުކުރަން." އާތިފް ވިދާޅުވި އެވެ.