ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން "ޝަރޫ ލޯންޗް" އަށް ދިން ފައިސާ 03 މަސް ދުވަސް ތެރޭގައި ދެއްކުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ. އެ މައްސަލައިގެ ފައިސާ ހޯދަން ފެނަކަ އިން ސިވިލް ކޯޓުގައި ދައުވާކުރީ ޝަރޫ ކުންފުންޏާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ މި މުޢާމަލާތަށް ފެނަކައިގެ އޭރުގެ އިސްފަރާތްތަކުން ޒިންމާވާންޖެހޭ ކަމަށާއި އެ ފައިސާ އަނބުރާ ދެއްކުމުގެ ޒިންމާ ޝަރޫ ލޯންޗް ސާރވިސަސްގެ ޑިރެކްޓަރުން ފަރުދީ ގޮތުން ވެސް އުފުލަން ޖެހޭނެ ކަމަށްވެސް އެ މައްސަލައިގައި ހައިކޯޓުން އިއްޔެ ކުރި ހުކުމުގައިވެއެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ބޭނުންވާ ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާރވިސަސް އަށް ދޫކުރި 17.857,979.10 ރުފިޔާ ފެނަކަ އަށް އަނބުރާ ދެއްކުމަށް ޝަރޫ ލޯންޗު ސާރވިސަސްގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު: 2017/Cv-C/86 ޤަޟިއްޔާއިން 22 އޮގަސްޓް 2017 ގައި ކޮށްފައިވާ ހުކުމް، ޝަރުޢީ އަދި ޤާނޫނީ އުސޫލުކަތާއި ޙިލާފްކަމަށްދެކޭބައި ފެނަކައިގެ ފަރާތުން 31 މާރޗް 2018 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.
1 މިލިއަން ޑޮލަރު ގަންނަން ފެނަކަ އިން ޝަރޫއަށް 17.8 މިލިއަން ރުފިޔާ ދެއްކިޔަސް، ޝަރޫ އިން ފެނަކައަށް ދިން ޑޮލަރު ޗެކުތައްވެސް ވަނީ ބައުންސްވެފައެވެ.
ޝަރޫގެ ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ކަނޑައެޅި ބައި ފެނަކަ އިން އިސްތިއުނާފު ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ކުންފުނިތަކަކީ ޑިރެކްޓަރުންނާ ވަކިން އޮންނަ ވަކި ޤާނޫނީ ޝަހްސަކަށް ވިޔަސް، ކުންފުނިތައް ނިވައިފަތްގަނޑަކަށް ބޭނުން ކޮށްގެން ކުރާ ކަންކަމަށް ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާ ކުރުވިދާނެ ކަމަށް ކުންފުންޏާ ބެހޭ ޤާނޫނުގައިވާ ކަމަށެވެ.
އެހެންކަމުން ޝަރޫއަކީ ބޭރު ފައިސާ ގަނެ، ވިއްކުމުގެ ހުއްދަ ނެތް ކުންފުންޏަކަށް ވާއިރު ޑޮލަރު ވިއްކުމަށްޓަކައި ފައިސާ ނެގުމަށް ފަހު ޑޮލަރު ނުލިބި އަދި ދިވެހި ފައިސާ ވެސް އަނބުރާ ފެނަކަ އަށް ނުލިބުމުގެ ޒިންމާ އެ ކުންފުނީގެ ޑިރެކްޓަރުން ފަރުދީ ގޮތުން އުފުލަން ޖެހޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެއެވެ.
އެ މައްސަލަ ބެއްލެވި ހައި ކޯޓުގެ 3 ފަނޑިޔާރުން އިއްތިފާގުން ހުކުމް ކޮށްފައި ވަނީ، ފެނަކަ އަށް ޝަރޫ އިން ދައްކަން ޖެހޭ 17.8 މިލިއަން ރުފިޔާ ދެއްކުމުގެ ޒިންމާ ޝަރޫ ކުންފުނީގެ އިތުރުން އޭރު އެ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ތިބިި ސަބާހް އަހުމަދާއި މުހައްމަދު މުޝްތާގުގެ އިތުރުން ޝަރުމީލާ ޒުބައިރު އުފުލަން ޖެހޭނެ ކަމަށެވެ.
މި މައްސަލައިގައި ފެނަކައިގެ ވެރިން ވެސް ޒިންމާ ކުރުވަން ޖެހޭ ކަމަށް ވެސް އެ މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔުގައި ހިމަނާފައި ވެއެވެ.