އިންކަމް ސަޕޯޓް އެލަވެންސަށް އެދުމަށް ހުލުވާލި މުއްދަތުގައި އެލަވެންސް ހޯދުމަށްއެދި ހުށަހެޅި މީހުންގެ ތެރެއިން ބޮޑު އިންސައްތައަކަށް އެލަވެންސް ދީ ނިމިފައިވާ ކަމަށް ޖޮބް ސެންޓަރުން ބުނެފި އެވެ.
ކޮވިޑް19ގެ ސަބަބުން ވަޒީފާ އަށް އަސަރުކުރި މީހުންނަށާއި އާމްދަނީ އަށް އަސަރު ކުރި މީހުންނަށް ދޭ އިންކަމް ސަޕޯޓް އެލަވެންސް މި މާޗު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް 21،258 މީހަކަށް ދީފައިވެއެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު އިންކަމް ސަޕޯޓުގެ ގޮތުގައި ޖުމްލަ 377.4 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އަށް މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ. އެ ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ. މި އެލަވެންސް ދެނީ އެންސްޕާ މެދުވެރިކޮށެވެ.
ވީހާ ވެސް ގިނަ ބަޔަކަށް އެލަވެންސް ދިނުމަށްޓަކާ ފަހުން ނިންމާފައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް19 އާ ގުޅިގެން އެބަޔެއްގެ ވަޒީފާއަށް 2019 ޑިސެމްބަރު މަހުގެ ފަހުން އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވެންސަށް ޝަރުތު ހަމަވާ މީހުންނަށް އެލަވެންސް ދިނުމަށެވެ.