އިތުރު ދެ ރަށެއްގައި އިންޖީނުގެ އަޅަން ބިންގާ އަޅައިފި އެވެ. އިންޖީނު އެޅުމަށް މިއަދު ބިންގާ އެޅީ ގއ. ކަނޑުހުޅުދޫގައި އާއި އެއަތޮޅު ކޮނޑޭގައި އެވެ. ކަނޑުހުޅުދޫގައި އިމާރާތްކުރަނީ އިންޖީނުގެ އާއި އޮފީސް އިމާރާތެވެ. ކޮނޑޭގައި ހަދަނީ އިންޖީނުގެ އިމާރާތެވެ.
މިކަމަށްޓަކާ މި ދެ ރަށުގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތުގައި ފެނަކަ އެމްޑީ އަހުމަދު ސައީދު ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ. އެގޮތުން ކަނޑުހުޅުދޫގައި އިމާރާތްކުރާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ފެނަކައިގެ އެމްޑީ އަހްމަދު ސައީދާއި ގެމަނަފުށި ދާއިރާގެ މެންބަރު އަހުމަދު ސައީދު އަދި ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް އަހުމަދު ޝަހީމެވެ.
ކޮނޑޭގައި އިމާރާތްކުރާ އިންޖީނުގެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ފެނަކައިގެ އެމްޑީ އަހުމަދު ސައީދާއި ގެމަނަފުށި ދާއިރާގެ މެންބަރު އަހުމަދު ސައީދުގެ އިތުރުން އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު އަދި ކޮނޑޭ ކައުންސިލްގެ ރައީސް އަހުމަދު އަބްދުލް ހަކީމެވެ.
އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކަނޑުހުޅުދޫގައި އިމާރާތް ކުރާ އިންޖީނުގޭގެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އަހުމަދު ސައީދެވެ. އެލްއެފް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެމްޑީ އަހުމަދު ލަތީފެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.