ހދ ކުމުންދޫއަށް އިއްޔެއަކީ ހާއްސަ ދުވަހެކެވެ. ރައްޔިތުން ޒަމާނުންސުރެ އެދެމުންދިޔަ ދެ ހިދުމަތެއް ފެށުން އިފްތިތާހްކުރެވިގެންދިޔަ ދުވަހެކެވެ. ފެނާއި ނަރުދަމާގެ ހިދުމަތަކާ އަސާސީ ހިދުމަތްތައްކަމަށްވިޔަސް އެކަން މިއަދާހަމައަށްދިޔައިރުވެސް އެރަށުގައި އޮތީ ނުވެ އެވެ.
ފެނާއި ނަރުދަމާގެ ހިދުމަތް ފެށުމުގެ ގޮތުން ހުކުރުދުވަހު އެރަށު ބަނދަރު ސަރަހައްދުގައި ބޭއްވި ތާރީހީ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް އަމީން މުހައްމަދުވެސް ވިދާޅުވީ ކުމުންދޫގެ ރައްޔިތުންގެ ދިގު އިންތިޒާރުގެ ނިމުން ގެނުވާ އުފާވެރިދުވަހެއްގެ ގޮތުގައި އެވެ.
އަދި ބޮޑުތިލަދުންމަތީގެ ތަރައްގީއަށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަމީން ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.
މި ރަސްމިއްޔާތުގައި މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ އެމްޑަބްލިއުއެސްސީ މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހާއި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އަދި ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ އާ ވެރިއަކު އަންނަ ކޮންމެ ފަހަރަކު ކުމުންދޫ ރައްޔިތުން އެދެމުން ދިޔައީ އެންމެ ކަމަކަށް ކަމަށާއި، އެކަމަކީ ފެންވަރާ ނަޖިސް ފެން އަދި ގޭތެރޭގައި ހުރި ނަޖިސް ފެން ވަޅުގަނޑު ބަދަލުކޮށްދިނުން ކަމަށެވެ.
އެގޮތުން މިއަދަކީ ކުމުންދޫއަށް ތާރީހީ ދުވަހެއް ކަމަށާއި އަދި ކޮވިޑްގެ ހާލަތު ނައި ނަމަ ރަށުގެ ރައްޔިތުން މިހާރުދާނީ ނަރުދަމާ ބޭނުންކުރަމުން ކަމަށްވެސް ރާއީ ވިދާޅުވި އެވެ.
މި މަޝްރޫއު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހަވާލުކޮށްފައިވަނީ އެމްޑަބްލިއުއެސްސީ އާއެވެ.
މި މަޝްރޫއުގެ ދަށުން ކުމުންދޫގައި 14 ކިލޯމީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ގާއިމް ކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރުއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނެއެވެ. އަދި ގޭގޭގައި ފެންމީޓަރ ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ އެމްޑަބްލިއުއެސްސީން މައުލޫމާތު ދެއެވެ.
ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކުމުންދޫގައި 10 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކް ޤާއިމްކުރުމާއި، 2.4 ކިލޯ މީޓަރގެ ޕަންޕިން ލައިން އެޅުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މީގެއިތުރުން 5 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމްކޮށް ގެތަކުގައި ޖަންކްޝަން ބަހައްޓައި ނަރުދަމާގެ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ އެވެ. މި މަޝްރޫއުގެ މުއްދަތަކީ 22 މަސް ދުވަހެވެ. މިމަޝްރޫއުއަށް ޖުމްލަ 102 މިލިއަން ދިވެހި ރުފިޔާ ހަރަދުވާނެ ކަމަށް އެމްޑަބްލިއުއެސްސީ މައުލޫމާތު ދެއެވެ.