twitterviber whatsapp telegramfacebookyoutube instagram
26th April 2024

ގިނަ ވައުދުތަކާއެކު އާދަމް ޝަރީފް ވިދާޅުވަނީ ހިތްހަމަޖެހޭ އިތުބާރު ހިފޭ ކައުންސިލެއް ގާއިމްކޮށްދޭނެކަމަށް

އަބްދުލް ވާހިދު ޙަސަން
Apr 5, 2021
2

ކުޅުދުއްފުށި ސިޓީ މޭޔަރުގެ މަގާމަށް އަމިއްލަ ގޮތުން ވާދަކުރައްވައި ކެނޑިޑޭޓް އާދަމް ޝަރީފް، މޭޔަރުގެ މަގާމަށް ހޮވިއްޖެނަމަ ރަށަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް އާންމުކޮށްފައިވާ ކެމްޕެއިން ވީޑިއޯތަކެއްގައި ހާމަކޮށްފައިވާގޮތުގައި އޭނާ މޭޔަރުގެ މަގާމަށް ހޮވައިދެއްވިނަމަ ރައްޔިތުން ހިތްހަމަޖެހޭ އަދި އިތުބާރުކުރާ ކައުންސިލަކަށް ކުޅުދުއްފުށި ސިޓީ ކައުންސިލް ހަދައިދޭނެ ކަމަށެވެ.

އޭނާ އެ މަގާމަށް ހޮވިއްޖެނަމަ ކުރަން ނިންމާފައިވާކަންކަން ހާމަކުރައްވަމުންދާއިރު އެ ލިސްޓްވެސް ދިގެވެ. ބައެއް ކަންތައްތަކަށް ބަލާލާއިރު ކައުންސިލް ދެ ޕްލޭ ސްކޫލެއް ހިންގާނެ ކަމަށެވެ. އެގޮތުން ކުރިން ކައުންސިލުން ހިންގާ އުވާލި ދެ ޕްރީ ސްކޫލުކަމަށްވާ އަމީރު އަމީން ސްކޫލާއި އިރުމަތި އަވަށު ޕްރީ ސްކޫލް އަލުން ވުޖޫދަށް ގެނެސް ކައުންސިލް ބަޖެޓުން ދެ ސްކޫލް ހިންގާނެ ކަމަށެވެ.

އަދި ފެނާއި ނަރުދަމާއަށް ދައްކާ ފީ ރައްޔިތުން ދައްކަން ނުޖެހޭ އެއްޗަކަށް ހަދައި ކަރަންޓް ބިލަށް ރައްޔިތުން ކުރާ ހޭދަ ކުޑަ ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނާނެކަމަށްވެސް އޭނާ ވިދާޅުވެ އެވެ. ކުޅިވަރު ދަނޑުތައް ރަށުގެ ބެޖެޓްގެ ތެރެއިން ތަރައްގީކޮށް ރަށު ޓީމްތައް ރަޖިސްޓްރީކޮށް ޓީމުތައް ބަލަހައްޓާނެކަމަށާއި ކައުންސިލް ބަޖެޓްގެ ތެރެއިން ކުލާސް ރޫމްތައް ތަރައްގީކުރުމާއި ރަށުން ބޭރުގައި އޮންނަ އިތުރު ހަރަކާތްތަކަށް ދަރިވަރުން ބައިވެރިކުރުމަށް ސްކޫލުތަކާއި ބެލެނިވެރިން އަމިއްލައަށް ކުރާ ހަރަދު ކައުންސިލުން ހޯދައިދިނުމަށްވެސް މަސައްކަތްކުރާނެކަމަސް އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވެފައިވަނީ ސިޓީ ކައުންސިލްގެ ހަރަދުގައި އޯޓިޒަމް ކުދިންނަށް ފަރުވާދޭނެ ޑޮކްޓަރެއް ކުޅުދުއްފުށީގައި ހޮސްޕިޓަލުގައި ބަހައްޓަން މަސައްކަތްކުރާނެ ކަމަށާއި ގޯތި ނުލިބި ހުރި ފަރާތްތަކަށް ގޯތި ކަށަވަރު ވަންދެން އެންމެ ކުރީ ސަފުގައި ހުރެގެން ވަކާލާތުކުރާނެކަމަށެވެ.

އާންމު ލައިބްރަރީއެއް ހުރުން މުހިންމުކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ސިޓީ ލައިބްރަރީއެއް ގާއިމުކޮށްދޭނެ ކަމަށެވެ.

"އަވަށު އޮފީސްތައް ގާއިމުކުރުމާއި ކައުންސިލަށް ލަފާދޭ ލޯފާމަކާއި ކޮންސަލްޓެންސީ ފާމެއް ގާއިމުކޮށްދޭނަން، ރަށުގައި ހިނގާ ތަރައްގީގެ މަޝްރޫއުތަކާއި ކައުންސިލްގެ އިހުމާލުންވާ ގެއްލުމާއި އެޅޭ ހުރަސްތައް ނައްތާލާނަން." އަމިއްލަގޮތުން މޭޔަރުގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓް އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވެފައިވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރެކްރޫޓްމެންޓް އެޖެންސީއެއް ގާއިމުކޮށް ކައުންސިލްގެ ތެރެއިން ވޯކް ޕާރމިޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، 24 ގަޑިއިރު ޖަވާބު ލިބޭ ސުވާލު އަޅާ ފޮއްޓެއް ކައުންސިލްގައި ގާއިމުކުރާނެ ކަމަށެވެ.

ރަށުން ވިޔަފާރިތަކަށް ކައުންސިލުން ކުއްޔަށް ދީފައިވާ ބައެއް ބިންތަކުގެ އަގުތައް އިންތިހާއަށް ބޮޑުކަމަށް ވިދާޅުވެ އޭނާ ވިދާޅުވީ، އެ ބިންތަކުގެ ކުލި ވިޔަފާރިވެރިން އަތްފޯރާ ފަށަން ގެނެސް ރަށުގެ ވިޔަފާރިވެރިންނަށް ގިނަ ފުރުސަތުތަކެއް އެ ބިންތަކުން ހޯދައިދޭން މަސައްކަތްކުރާނެ ކަމަށެވެ.

"ގޭގައި އުފެދޭ ކުނި ދުވަހުން ދުވަހަށް އުކާލެވޭނެ ރަނގަޅު ނިޒާމެއް ކައުންސިލްގައި ގާއިމުކުރާނަން. މީހުން އުޅޭ ބައެއް ސަރަހައްދުތަކުގައި ވިނަ ހެދި ގޮނޑުވެފައިވާތަން ރަށުތެރޭގައި އެބަހުރި، މިތަންތަން ސާފުކޮށް ބޭނުން ހިފޭނެ ގޮތް ހަދައިދޭނަން." އާދަމް ޝަރީފް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355