އެމްޑީޕީގެ ކައުންސިލެއްގައި ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ނިންމާފައިވާ ގޮތް މޭޔަރުގެ މަގާމަށް ވާދަކުރައްވައި ކެންޑިޑޭޓް މުހައްމަދު އާތިފް ތަފްސީލްކޮށްދެއްވައިފި އެވެ. މީގެ ކުރިންވެސް އެ ޕާޓީން ބޭއްވި ބައްދަލުވުމެއްގައި އާތިފް ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފަ އެވެ.
ބޯހިޔާވަހިކަން ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވާ، ވިދާޅުވުން ތަކުރާރުކުރައްވަމުން އާތިފް ވިދާޅުވީ، އެމްޑީޕީ ކައުންސިލެއްގައި އެކަން ހައްލު ހޯދަން ނިންމާފައިވާ ގޮތްވެސް ތަފްސީލްކޮށްދެއްވާފަ އެވެ.
"އިދިކޮޅުންވެސް މިހާރު ބޯހިޔާވަހިކަމުގެ ވާހަކަ ދައްކައިފި. އެހެންނަމަވެސް އެ ބޭފުޅުންނަށް އެކަން ކުރާނެގޮތެއް ބުނެއެއް ނުދެވޭ. އަޅުގަނޑުމެން އަދިވެސް މިދައްކަނީ އެކަން ކުރާނެ ގޮތްވެސް ތިބޭފުޅުންނަށް." މިރޭ ކުޅުދުއްފުށީގައި އެ ޕާޓީން ބޭއްވި ކަންމަތީ ބައްދަލުމެއްގައި ވާހަކަދައްކަވަމުން އާތިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، 2022 ވަނަ އަހަރުގެ ބަޖެޓްގައި އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށާ އޭގެ ތެރެއިން ރަނގަޅު އިންސަތައެއް ކުޅުދުއްފުއްޓަށްވެސް ލިބޭނެ ކަމަށެވެ. އަދި އެ އަދަދަކީ ފުދޭ ވަރަށްވުރެ ކުޑަ އިންސަތައެއް ނަމަ ކައުންސިލުން ލޯނު ނަގާނެކަމަށެވެ.
"އެ އިންސަތައަކީ އަޅުގަނޑުމެންނަށް ފުދޭ ވަރަށްވުރެ ކުޑަ އިންސަތައެއްކަމަށްވާނަމަ އަޅުގަނޑުމެންގެ ސިޓީ ކައުންސިލުން އަމިއްލައަށް ލޯނުތަކަށް ވަންނާނަން. ޗައިނާ ނޫނީ ދުބާއީ ނޫނީ އިންޑިޔާ ބޭންކްތަކަށް އަޅުގަނޑުމެން ވަންނާނަން. ވަދެފަ އެ ޕްރޮޖެކްޓް އެއަށްވުރެ ބޮޑުކޮށް ހިންގާނަން." އާތިފް ވިދާޅުވި އެވެ.
އާތިފް ވިދާޅުވީ، އެމްޑީޕީ ކައުންސިލަކުން އެންމެ ފުރަތަމަ ކުރާނެކަމަކީ ސިޓީ ތަރައްގީގެ ޕްލޭނާއެކު ލޭންޑްޔޫސް ޕްލޭންވެސް ހެދުންކަމަށެވެ. މި މޭރުމުން މީގެ ކުރިންވެސް އާތިފް ވަނީ ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ކައުންސިލެއްގައި އެންމެ މައިގަނޑު އެއް އަސާސަކީ ރައްޔިތުންގެ ހިޔާލާއެކު ހުރިހާކަމެއް ކުރުން ކަމަށެވެ.