އަލަށް އުފެދޭ އެމްޑީޕީ ކައުންސިލެއްގައި ޕްލޭ ސްކޫލްގެ ހިދުމަތް އަލުން ފަށާނެކަމަށް އެމްޑީޕީ ޓިކެޓްގައި ކުޅުދުއްފުށި ސިޓީ މޭޔަރުގެ މަގާމަށް ވާދަކުރައްވާ މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ނާސަރީ އަދި ބޭބީ ނާސަރީ އުމުރުފުރާގެ ދަރިވަރުންނަށް ހާއްސަކޮށް ކައުންސިލުން ހިންގަމުންދިޔަ ޕްލޭ ސްކޫލް ހުއްޓާލުމުން އެކަމާ ބައެއް ބެލެނިވެރިންނާއި އެތަނުގެ މުވައްޒަފުން ވަރަށް ބޮޑަށް ނުރުހުންވެ ކައުންސިލަށް ފާޑުކިޔެ އެވެ. އެ ސްކޫލް ހިންގުން ކައުންސިލުން ހުއްޓާލީ މާލީ މައްސަލަތަކާއި އެނޫންވެސް ގިނަ މައްސަލަތަކެއް ފެންމަތިވުމުންނެވެ.
އެ ސްކޫލު ހުއްޓާލުމަށްފަހު ކައުންސިލުން ނިންމީ ޕްރައިވެޓް އުސޫލުން ހިންގުމަށެވެ. އެކަން ކުރުމަށް ތަން އޮޑިޓްކޮށްވެސް ވަނީ ނިންމާފަ އެވެ. ޕްރައިވެޓް އުސޫލުން ހިންގުމަށް ހުޅުވާނުލެވިވަނީ މިހާރު ހިނގަމުންދަނީ އިންތިގާލީ ކައުންސިލަކަށްވާތީ އެކަމަށް ސަރުކާރުގެ ފަރާތުން ލިބެންޖެހޭ ހުއްދަތައް ނުލިބިގެންނެވެ.
ރޭ އެމްޑީޕީން ކުރިއަށްގެންދިޔަ ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުހައްމަދު އާތިފް ވިދާޅުވީ، މިހާރު ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ތުއްތު ކުދިންނަށް ތައުލީމް ފޯރުކޮށްދިނުމަށް ކައުންސިލުން ހިންގި ސްކޫލް ހުއްޓައިލުން ކަމަށެވެ.
"މިރަށުގެ ރައްޔިތުން ކަންބޮޑުވާ ވަރަށް ބޮޑު މައްސަލައެއް އެބައޮތް. އެއީ އަޅުގަނޑުމެންގެ އެންމެ ތުއްތު ކުދިންގެ ތައުލީމު. އެންމެ ތުއްތު ކުދިންގެ ތައުލީމް ހާސިލުކުރާ ޕްލޭ ސްކޫލް މިވަނީ ހުއްޓިފަ. މިއީ އަޅުގަނޑުމެންގެ ތައުލީމީ ބިންގަލަށް ލިބިގެންދާ ވަރަށް ބޮޑު ނިކަމެތި ކަމެއް." އާތިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ކައުންސިލެއްގައި އެ ސްކޫލުގެ ހިދުމަތް ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.