ހދ ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ގޮނޑި ދިފާއުކުރައްވައިފި އެވެ. އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވައި އަމީން ވަނީ މިފަހަރު 351 ވޯޓް ހޯދައްވާފަ އެވެ.
އެރަށު ކައުންސިލްގެ ރައީސްކަމަށް ހަތަރު ބެފުޅުން ވާދަކުރެއްވިއިރު މިއީ އަމީން މި ގޮނޑިއަށް ވާދަކުރެއްވި ތިންވަނަ ފަހަރެވެ. ތިންފަހަރުވެސް އަމީން މިވަނީ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރައްވާފަ އެވެ. ތިންވަނަ ދައުރުގައިވެސް ރައީސްގެ މަގާމު ފުރުއްވާފައިވާ އަމީން ދެވަނަ ދައުރުގައި އަދާކުރެއްވީ ނައިބު ރައީސްގެ މަގާމެވެ.
މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު އަމީންއާ އެންމެ ވާދަކުރެއްވީ ޕީޕީއެމް ކެންޑިޑޭޓް އަބުދުއްﷲ މުބާރިކެވެ. އޭނާއަށް ލިބިލެއްވީ 294 ވޯޓެވެ.
އެރަށުގެ ރައީސްގެ މަގާމަށް ހަތަރު ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން ދެން ކުރިމަތިލެއްވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަހުމަދު ޝަރީފަށް ލިބިލެއްވީ 8 ވޯޓެވެ. މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އަތޮޅު ކައުންސިލްގެ ކުރީގެ ނައިބު ރައީސްގެ މަގާމު ފުރުއްވި ޒަކަރިއްޔާ ހަސަންއަށް ލިބިލެއްވީ އެންމެ 7 ވޯޓެވެ.
ފަސް މެމްބަރުން އިންތިހާބުކުރާ އެރަށުގެ ކައުންސިލް މެމްބަރުކަމަށް ދިހަ ކެންޑިޑޭޓަކު ވާދަކުރެއްވި ހުރިހާ ގޮނޑިތަކެއްވެސް ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. މިހާރުވެސް އެރަށު ކައުންސިލް މެމްބަރުންގެ ގޮތުގައި ތިއްބެވި އަލީ ގާސިމާއި އަލީ އަންވަރު ވަނީ ކުރި ހޯދަވާފަ އެވެ.
327 ވޯޓް އަލީ ގާސިމަށް ލިބިލައްވާފައިވާއިރު އަލީ އަންވަރަށް ލިބިލެއްވީ 287 ވޯޓެވެ. މިއީ އަލީ ގާސިމްވެސް ތިންވަނަ ފަހަރު މި ގޮނޑި ކާމިޔާބުކުރެއްވި ފަހަރެވެ. އަންވަރު މިގޮނޑި ދިފާއު މިކުރެއްވީ ހަތަރުވަނަ ފަހަރަށެވެ.
އަންހެނުންނަށް ހާއްސަ ދާއިރާތަކަށް ބަލާއިރުވެސް އެ ދެ ގޮނޑިވެސް ކާމިޔާބުކުރެއްވި އެމްޑީޕީންނެވެ. އެގޮތުން ނަޝާ އަދާމަށް 317 ވޯޓު ލިބުނުއިރު ޝާއިދާ މޫސާއަށް ލިބިލެއްވީ 342 ވޯޓެވެ. އެރަށު އަންހެނުންނަށް ހާއްސަ ދާއިރާއަށް ދެން ކުރިމަތިލެއްވީ މިނިވަން ކެންޑިޑޭޓް އައިމިނަތު މާޝާ އާއި ޕީޕީއެމް ޓިކެޓްގައި ކުރިމަތިލެއްވި ނުހާ އަލީ އެވެ.