ތެދުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިހުންނާނެކަމުގެ ޔަގީންކަން ކުޅުދުއްފުށީ މެދު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އާތިފާ އަލީ ދެއްވައިފި އެވެ.
ކާމިޔާބީ ފާހަގަކޮށް ވޯޓްލެއްވި ފަރާތްތަކަށް ޝުކުރު އަދާކުރުމުގެ ގޮތުން އާތިފާ ލިޔުއްވި ޕޯސްޓްގައި ވިދާޅުވީ، ވަރުބަލިކަމެއް ނެތި މަސައްކަތްކުރެއްވި ކެމްޕެއިން ޓީމަށް ޝުކުރު އަދާކުރައްވާ ކަމަށާ ތެދުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިހުންނާނެކަމުގެ ޔަގީންކަން ކުޅުދުއްފުށީ ރައްޔިތުންނަށް އަރުވާ ކަމަށެވެ.
"الحمدلله. އަޅުގަނޑަށް އިތުބާރު ކުރައްވައި ވޯޓު ދެއްވި މެދުދެކުނު ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ހިތުގެ ފުންމިނުށް ޝުކުރު ދަންނަވަން. އިންތިޚާބު ފެށިގެން ނިމެންދެން ވަރުބަލިކަމެއްނެތި އަޅުގަނޑާއެކު މަސައްކަތްކުރެއްވި ކެމްޕެއިން ޓީމަށް ވަކިން ހާއްސަކޮށް ޝުކުރު ދަންނަވަން. މާތް ﷲގެ ވާގިފުޅާއިއެކު ތެދުވެރި ކަމާއެކީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދެމިހުންނާނެ ކަމުގެ ޔަޤީންކަން ކުޅުދުއްފުށީގެ ލޮބުވެތި ރައްޔިތުންނަށް އަރުވަން." އާތިފާ ލިޔުއްވާފައިވެ އެވެ.
ސްކޫލް ދައުރުގައިވެސް ތައުލީމީ ގޮތުން ފާހަގަކޮށްލެވުނު އާތިފާއަކީ އޯޕަން ޔުނިވާސިޓީ މެލޭސިއާ އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ.) ހާސިލްކޮށް، ނޭޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޯރ އަދި ކެނެޑާގެ ޔުނިވާސިޓީ އޮފް ޓޮރޮންޓޯ އިން ބެޗްލަރ އޮފް ސައިންސް ހާސިލްކޮށްފައިވާ ފަރާތެކެވެ.
އާތިފާ އަކީ 2004 ވަނަ އަހަރު ޖީސީއީ އޭލެވެލްގައި ޤައުމީ ލެވެލްގައި ގަދަ 10 ގައި ހިމެނުނު ފަރާތެކެވެ. ޖަލާލުއްދީން ސްކޫލުގެ 2001 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކީވެސް އާތިފާ އެވެ. މީގެ އިތުރުން ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 1998 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކީވެސް އާތިފާ އެވެ.