twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ދިވެހި ރެޑް ކްރެސެންޓްގެ ގަވަނިންގ ބޯޑަށް ރިފޫ އިންތިހާބުކޮށްފި

Apr 24, 2021

ދިވެހި ރެޑް ކްރެސެންޓްގެ ގަވަނިންގ ބޯޑަށް، ކުޅުދުއްފުށީ ދަރުމަ، ފާތިމަތު ރިފްދާ މުޙައްމަދު އިންތިހާބުކޮށްފި އެވެ. ރިފްދާ އިންތިހާބުކުރައްވާފައިވަނީ އެބޯޑުގެ އުތުރު ސަރަހައްދުގެ މެންބަރުގެ މަގާމަށެވެ.

އެޖަމާއަތުން މިއަދު ނެރުއްވާފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ ގަވަނިންގ ބޯޑުގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ބޭއްވި އެޖަމާއަތުގެ 11 ވަނަ އާއްމު މަޖިލީހުގެ ތެރެއިންކަމަށެވެ.

ރެޑް ކްރެސެންޓްގެ ގަވަނިންގ ބޯޑުގެ އުތުރު މެންބަރުކަމަށް އިންތިހާބުކުރައްވާފައިވާ ރިފްދާއަކީ މީގެ ކުރިންވެސް ރެޑް ކްރެސެންޓްގެ ހަރަކާތްތަކުގައި ވަރަށް އިސް ދައުރެއް އަދާކުރައްވަމުން އަންނަ ފަރާތެކެވެ. އެގޮތުން، ރެޑް ކްރެސެންޓް އިން ކުޅުދުއްފުށީގައި ހިންގާފައިވާ ވަރަށް ގިނަ ހަރަކާތްތަކުގައި ދަރުމަވެރިއެއްގެ ގޮތުން އޭނާ މަސައްކަތްކުރައްވާފައިވާއިރު، އެޖަމާއަތުގެ ހދ. ގޮފީގެ ޗެއަރޕާސަންކަންވެސް އޭނާ އަދާކުރައްވާފައިވެއެވެ. ހަމައެހެންމެ، ތިމާވެށީގެ ޖަމިއްޔާ ބިލީފްގައިވެސް އޭނާ މަސައްކަތްކުރައްވަމުން އަންނައިރު، ކެއަރ ސޮސައިޓީގައިވެސް މީގެކުރިން މަސައްކަތްކުރައްވާފައިވެއެވެ.

ރެޑް ކްރެސެންޓް އިން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ހަފްތާ ބަންދުގައި، ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ އާއްމު މަޖިލީހުގެ ތެރެއިން، ގަވަނިންގ ބޯޑުގެ އެހެން ބައެއް މުހިއްމު މަޤާމުތަކަށްވެސް މެންބަރުން އިންތިހާބުކުރައްވާފައިވާކަމުގައެވެ. އެގޮތުން، ބޯޑުގެ ރައީސްކަމަށާއި ދެވަނަ ނައިބު ރައީސްކަމަށްވެސް ބޭފުޅުން އިންތިހާބުރައްވާފައިވެއެވެ. ރެޑް ކްރެސެންޓްގެ ރައީސްކަމަށް އިންތިހާބުކުރައްވާފައިވަނީ މާލީ ދާއިރާގެ ތަޖުރިބާކާރެއްކަމުގައިވާ އަބްދުލް ހަލީމް އަބްދުލް ލަތީފެވެ.

ދިވެހި ރެޑް ކްރެސެންޓްއަކީ ވަކި ޤާނޫނެއްގެ ދަށުން މަސައްކަތްކުރަމުން އަންނަ ޖަމާއަތެކެވެ. އެއީ ވަކި ޤާނޫނެއްގެ ދަށުން ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ހަމައެކަނި ޖަމާއަތްކަމުގައިވާއިރު، އެޖަމާއަތަށް މަތިކޮށްފައިވަނީ ހަމަނުޖެހުމާއި، ކާރިސާ، އަދި އާއްމު ހާލަތުގައި ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާއެކު އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިވުމުގެ ޒިންމާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355