ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް 22,786 ފަރާތަކަށް 418 މިލިއަން ރުފިޔާ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޫކޮށްފައެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ސަރުކާރުން ނިންމީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރި އަސަރާއެކު ވަޒީފާ ގެއްލުނު މީހުންނަށް އެހީތެރިވުމުގެ ގޮތުންނެވެ. މި އެލަވަންސް 2020 ވަނަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު ދޫކުރަން ފަށާފައިވާއިރު، އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާ ކޮންމެ މީހަކަށްވެސް ގިނަ ވެގެން ލިބޭނީ 5،000 ރުފިޔާއެވެ.
އެގޮތުން ވަޒީފާއިން ވަކި ކުރެވިފައިވާ ނުވަތަ ސަސްޕެންޑް ކުރެވިފައިވާ ފަރާތެއްނަމަ މަހަކު 5000 ރުފިޔާ އަދި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވާފައިވާ ފަރާތެއްނަމަވެސް އެވަރު އެލަވަންސްގެ ގޮތުގައި ލިބޭނެކަމަށާއި އަދި މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ 5000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނި ކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.
ފިނޭންސްއިން ވަނީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ދިވެހިންނަށް ދޭން ނިންމާފައިވާ މި އެލަވަންސްއަށް ހުށަހަޅާފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ މީހެއްނަމަ އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއްނަމަ އެ މީހަކަށް އެލަވަންސްއެއް ނުލިބޭނެކަމަށްވެސް ބުނެފައެވެ.