ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެ ކޮޅުކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލާ އެމަނިކުފާން ޒަހަމްކޮށްލައިފި އެވެ. ބާރުގަދަ އެއްޗެއް ގޮއްވާލާފައިވަނީ އެމަނިކުފާނުގެ ކާރުކޮޅު ކައިރީގައި ހުރި ސައިކަލެއް ކައިރީގައި އެއްޗެއް ހަރުކޮށްގެން ކަމަށް ބެލެވެއެވެ.
އެއްޗެއް ގޮއްވާލާފައިވަނީ އެމަނިކުފާނު ކާރަށް އަރައިވަޑާއިގަންނަވަނިކޮށް މިރޭ 8:30 ހާއިރު އެވެ. އެމަނިކުފާނުގެ އިތުރުން އެމަނިކުފާނުގެ ބޮޑީގާޑާއި އެސަރަހައްދުގައި ހުރި ބިދޭސީއެއްވެސް ވަނީ ޒަހަމްވެފައެވެ. މި ވަގުތުވެސް އެ ސަރަހައްދުގައި ސިފައިންނާއި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ސައިކަލުތަކަށް ވެސް ބޮޑެތި ގެއްލުން ތަކެއް ވަނީ ވެފަ އެވެ.
ރައީސް ނަޝީދަށް މިވަގުތު އަންނަނީ އޭޑީކޭގައި ފަރުވާދެމުންނެވެ. ހޮސްޕިޓަލުގެ ސަރަހައްދަށްވެސް އެމަނިކުފާނު ގެންދިޔަވަގުތު އާންމުން ވަނީ އެއްވެފައެވެ.