ކޮވިޑް-19 އިން ދިފާއުވުމަށް ޗައިނާއިން ތައްޔާރު ކުރި ސައިނޮފާމް ވެކްސިނަށް ދުނިޔޭގެ ސިއްޔަތު ޖަމިއްޔާ އިން ހުއްދަ ދީފިއެވެ.ޑަބްލިއުއެޗްއޯގެ އިމަޖަންސީކޮށް ބޭނުން ކުރެވޭ ލިސްޓުގައި އިއްޔެ ސިނޮފާމް ވެކްސިން ހިމެނުމާއި އެކު ޖުމުލަ ހަ ވެކްސިނަކަށް މިވަނީ ހުއްދަ ލިބިފައެވެ.
ސިނޮފާމް ވެކްސިނަށް ހުއްދަ ދިންކަން އިއުލާން ކުރީ އިއްޔެ ޑަބްލިއުއެޗްއޯގެ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ. ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ޑަބްލިއުއެޗްއޯއިން ދީފައި ވާއިރު ޗައިނާގެ ވެކްސިން އީޖާދު ކުރި ކުންފުނިން ވަނީ ވެކްސިނާއި ބެހޭ މައުލޫމާތު ކޮންމެވެސް ވަރަކަށް ހިއްސާ ކޮށްފައެވެ. ޗައިނާއިން ތައްޔާރު ކުރާ ސިނޮފާމް ވެކްސިނުގެ ދެ ވައްތަރެއް އުޅޭއިރު އެއީ ބެއިޖިންގް އިންސްޓިޓިއުޓް އޮފް ބިއޮލޮޖިކަލް ޕްރޮޑަކްޓުގެ އުފެއްދުމަކާއި ވޫހާން އިންސްޓިޓިއުޓް އޮފް ބިއޮލޮޖިކަލް ޕްރޮޑަކްޓްއިން ތައްޔާރު ކޮށްފައިވާ ވެކްސިނެވެ.
މި ދެވައްތަރުގެ ތެރެއިން ދުނިޔޭގެ ސިއްހަތު ޖަމުއްޔާއިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ ބެއިޖިންގް އިންސްޓިޓިއުޓް އޮފް ބިއޮލޮޖިކަލް ޕްރޮޑަކްޓުން ތައްޔާރު ކުރަމުން އަންނަ ވެކްސިނެވެ.
އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ ޓެޑްރޯސް އަދަނޮމް ވިދާޅުވީ ސިނޮފާމް ވެކްސިނަކީ ބޭނުން ކުރަން ރަނގަޅު، ރައްކާތެރި ވެކްސިނަކަށް ވާތީ އެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
ޓެސްޓުތައް ކުރުމަށް ފަހު ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ ސިނޮފާމް ވެކްސިނަކީ 78 އިންސައްތަ ކޮވިޑުން ރައްކާތެރި ކޮށްދޭ ވެކްސިނެއް ކަމަށެވެ. ސިނޮފާމް ވެކްސިން ޖެހުމަށް އެ ޖަމިއްޔާ އިން ބުނެފައިވަނީ 18 އަހަރުން މަތީގެ މީހުންނަށެވެ. ވެކްސިނުގެ ދެ ޑޯޒް ޖަހާއިރު ދެވަނަ ޑޯޒް ޖަހަން ވާނީ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު 4-3 ހަފްތާާ ފަހުން ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.
މިހާރު ބޭނުން ކުރުމުގެ ހުއްދަ ލިބިފައިވާ ކޮވިޑް-19 ވެކްސިން ތަކުގެ ތެރޭގައި ހިމެނެނީ، ސިނޮފާމް، ޖޯންސަން އެންޑް ޖޯންސަން، މޮޑާނަ، އެސްޓްރަޒެނަކަ، ކޮވިޝީލްޑް އަދި ފައިޒާ ވެކްސިނެވެ.