ކޮވިޑްގެ ހާލަތުގައި ދައުލަތުން ކުރި ހޭދަ 3.3 ބިލިއަނަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އިގްތިސޯދީ ކަންކަމަށް ކޮވިޑުގެ ތެރެއިން ކުރި ހޭދަ 1.7 ބިލިއަން ރުފިޔާގައި ހުރި އިރު، މިދިޔަ ހަފްތާގައި އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ދޫކުރި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް 1.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މި ފާއިތުވި ހަފްތާގައި އޭގެ ކުރީ ހަފްތާ އާ އަޅާބަލާއިރު އެންމެ ބޮޑު ހޭދައެއް އެ ދާއިރާއިން ކޮށްފައި ވަނީ އައިޖީއެމްއެޗުންނެވެ.
ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނަ އިރު، އައިޖީއެމްއެޗުގެ އޮޕަރޭޝަނަލް ކަންތައް ހަރުދަނާކޮށް ފުޅާ ކުރުމަށް 1.8 މިލިއަން ރުފިޔާ ފާއިތުވި ހަފްތާ ތެރޭ ހޭދަކުރި ކަމަށް ބުނެފައިވެ އެވެ.
ހެލްތް މިނިސްޓްރީން ކޮވިޑްގެ ހާލަތުގައި 469 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު އޭގެ ތެރޭ ދަތުރު ފަތުރަށް 274 މިލިއަން ހޭދަކޮށްފަވެ އެވެ. މުވައްޒަފުންނަށް އެލަވެންސް ދިނުމަށް 33.9 މިލިއަން އަދި ކެޕިޓަލް އިކުއިޕްމެންޓް ހޯދުމަށް 80.5 މިލިއަން ވަނީ ހޭދަކޮށްފަ އެވެ.
އެމްއެންޑީއެފް މެދުވެރިކޮށް 67.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އެ މުވައްސަސާގެ މުވައްޒަފުންނަށް އެލަވެންސް ދިނުމަށް 48.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ފުލުހުންގެ މުވައްސަސާ އިން 31.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު 27.4 މިލިއަން ރުފިޔާ ހޭދަކޮށްފައި ވަނީ މުވައްޒަފުންނަށްދޭ އެލަވެންސް އަށެވެ.