މިއަދުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރެވެހޭނެކަމަށް ލަފާކުރެވޭނެ ކަމަށެވެ. އެ އިދާރާއިން ބުނީ ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި 45 މޭލާ 55 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭނެކަމަށެވެ.
ވައިގަދަވެ ކަނޑުތައް ގަދަވެ ބައެއް ރަށްރަށަށް އުދައެރުންވެސް އެކަށީގެންވާ ކަމަށާއި، ކަނޑު ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން ގަދަވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަަށްވެސް އެ އިދާރާއިން ބުނެފައި ވެއެވެ.