twitterviber whatsapp telegramfacebookyoutube instagram
1st May 2024

ފާއިތުވި 24 ގަޑިއިރު އެންމެ ބާރަށް ވައި ޖެހިފައިވަނީ ކުޅުދުއްފުއްޓަށް!

އަބްދުލް ވާހިދު ޙަސަން
May 14, 2021

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ފާއިތުވި 24 ގަޑިއިރު އެންމެ ބާރަށް ވައި ޖެހިފައިވަނީ ކުޅުދުއްފުއްޓަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާގެ ރެކޯޑްތަކުން ދައްކައިފި އެވެ.

މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެން އުތުރަށް ވަރަށް ބޮޑަށް މޫސުމް ވަނީ ގޯސްފަ އެވެ. އެހެންވެ ބުރާސްފަތިދުވަހު ހއ – ޅ އަތޮޅާ ދެމެދަށް އޮރެންޖް އިންޒާރުވެސް ނެރުނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާގެ ރެކޯޑުތަކުން ދައްކާގޮތުގައި ފާއިތުވި 24 ގަޑިއިރު އެންމެ ބާރަށް ވައިޖެހިފައިވާކަން ރެކޯޑްކުރެވުނީ ކުޅުދުއްފުއްޓަށެވެ. އެގޮތުން ކުޅުދުއްފުއްޓަށް ގަޑިއަކުން 62 މޭލު ބާރުމިނުގައި ވައިޖެހިފައިވެ އެވެ.

ވިލާގަނޑުގައި 62 މޭލުގެ ބާރު މިނުގައި ވައިޖެހުނުއިރު އާންމު ގޮތެއްގައިވެސް އެންމެ ބާރަށް ވައިޖެހިފައިވަނީ ކުޅުދުއްފުއްޓަށެވެ. އެއީ ގަޑިއަކު 28 މޭލު ބާރުމިނުގައި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، މޫސުމް ގޯސްވުމުގެ ސަބަބުން މިހާ ހިސާބަށް ދެ ގެޔަކުން ފުރާޅު އެއްލާލައިގެން ރިޕޯޓްކޮށްފައިވާއިރު ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ތިން ބުރި އިމާރާތުގެ ފެންފައް ނެއްޓި ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން ކައުންސިލްގެ ބެލުމުގެ ދަށުގައި ލޯކަލް ބަނދަރުގައި ހުންނަ ނޫގެ ފުރާޅުން ޓިނުތަކެއް އުކާލި ކަމަށެވެ. ލަތީފް ވިދާޅުވީ ޓިނުތައް އުކާލި ތަންތަނުގެ މަރާމަތަށް އެމްއެންޑީއެފްގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ.

ދެން އެންމެ ބާރަށް ވައި ޖެހިފައިވަނީ ނ މާފަރަށެވެ. އެރަށަށް ވިލާގަނޑުގައި 57 މޭލަށް ވައިޖެހުނުއިރު އާންމުކޮށް ވައިގެ ބާރު މިން އުޅެނީ 24 މޭލަށެވެ. ފާއިތުވި 24 ގަޑިއިރު ހއ ކެލަށް ވިލާގަނޑުގައި 50 މޭލަށް ވައިޖެހުނެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ބާރަށް ވައި ޖެހިގެން ރެކޯޑްކުރެވިފައިވަނީ 1991 ވަނަ އަހަރުގެ އޯގަސްޓްމަހު އެވެ. އެފަހަރު ވިލާގަނޑުގައި 89.7 މޭލަށް ވައި ޖެހިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355