ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާކަމަށް ޕީޕީއެމް އުތުރު ދާއިރާގެ މެންބަރު ހަދީޖާ މޫސާ އަދި ނައިބު ރައީސާކަމަށް ޕީޕީއެމް މެދު ދެކުނު ދާއިރާގެ މެންބަރު އާތިފާ މުހައްމަދު ހޮވައިފި އެވެ.
ކޮމެޓީގެ ރައީސާއާއި ނައިބު ރައީސާ ހޮވާފައިވަނީ މިއަދު ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި އެ ކޮމެޓީގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ. އެގޮތުން ރައިސާކަމަށް ހަދީޖާ ހޮވުނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އަދި ނައިބު ރައީސާކަމަށް އާތިފާ ހޮވުނީވެސް ހުރިހާ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
މި ޖަލްސާގައި އެމްޑީޕީގެ ހުޅަނގު އުތުރު ދާއިރާގެ މެންބަރު އަކްބަރީ މުހައްމަދު ވިދާޅުވީ އެ ކޮމެޓީގެ ލީޑާރޝިޕްގައި މަސައްކަތްކޮށްލަން ވަރަށް ބޭނުންވި ކަމަށާއި ނަމަވެސް ކޮމެޓީގެ މެޖޯރިޓީ ޕީޕީއެމްއަށް ލިބުމާއެކު އެ ހިޔާލުކޮށްލީ ކަމަށެވެ. އަކްބަރީ ވިދާޅުވީ ކޮމިޓީގައި ހިމެނޭ އެމްޑީޕީ ދެ މެންބަރުންގެ ފަރާތުންވެސް ކޮމެޓީގެ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ. ކޮމިޓީގައި އެމްޑީޕީ މެންބަރެއްގެ ގޮތުގައި ދެން ހިމެނެނީ ހުޅަނގު ދާއިރާގެ މެންބަރު ފިރާޝާ އިބްރާހިމެވެ.
ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އަގުލަބިއްޔަތު ޕީޕީއެމްއިން ހޯދީ އެ ކޮމެޓިގެ 4 ގޮޑި ކާމިޔާބުކޮށްގެންނެވެ.