ހުޅަނގު މޫސުމުގެ ވިއްސާރައާއި ގުޅިގެން ހދ ނައިވާދޫގެ އެކި ސަރަހައްދުތަކަށް އެއްވެފައިވާ ކުނި ނެގުމުގެ މަސައްކަތް އެރަށުގެ ރައްޔިތުން ފަށައިފި އެވެ. އެގޮތުން ވިއްސާރާގައި އެންމެ ބޮޑަށް ގެއްލުންވި އެރަށުގެ ހުޅަނގު ފަރާތައް ޖަމާވެފައިވާ ކުނިތައް އިއްޔެވަނީ ނަގާ ވަނީ ސާފުކޮށްފައެވެ.
އެރަށު ކައުންސިލްގެ ރައީސް އަލީ ރަޝީދު ވިދާޅުވީ ވިއްސާރައިގައި ރާޅުއަރައި ވައިގަދަވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވީ ހުޅަނގުފަރާތައް ކަމަށާއި އެގޮތުން އިއްޔެ ރައްޔިތުން ނުކުމެ އެ ސަރަހައްދުން ގިނަ އަދަދެއްގެ ކުނި ނަގާ ވަނީ ސާފުކޮށްފައެވެ.
ގިނަ އަދަދެއްގެ ކުނި ނަގާ ސާފުކޮށްފައިވާކަން ފާހަގަކޮށް ރަޝީދު ވިދާޅުވީ މިއަދު ސާފުކުރުމަށް ހަމަޖެހިފައިވަނީ އިރުމަތި ފަރާތްކަމަށެވެ. އިއްޔެގެ މަސައްކަތުން ނެގުނު ކުނިތައް ކުނިގޮނޑަށް ގެންގޮސް އަންދާލެވޭ ޒާތުގެ ކުނި ނައްތާލުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް މިދިޔަ 7 ދުވަހު ރާއްޖޭގެ އެކި ހިސާބަށް ކުރި ވިއްސާރާގައި ނައިވާދޫއަށް ވެސް އެކިވަރުގެ ގެއްުލުން ވެފައިވާކަން ރަޝީދު ފާހަގަ ކުރެއްވިއެވެ. އެގޮތުން ވައިގަދަ ވުމުގެ ސަބަބުން ގޭގޭގައި ހުރި ރުއް ގަސްތައް ވެއްޓިފައިވެއެވެ. އަދި ހުޅަނގު ފަރާތުން ރަށުތެރެއަށް ރާޅުއަރާފައިވާކަމަށާއި ނަމަވެސް ރާޅުއެރުމުގެ ސަބަބުން ގެޔަކަށް ގެއްލުމެއް ވެފައިނުވާކަން ފާހަގަކުރެއްވި އެވެ.
ރަޝީދު ވިދާޅުވީ ރަށުގެ ހުޅަނގު ފަރާތަކީ ރަށުގެ އެންމެ އުސް ސަރަހައްދުކަމަށާއި އެސަރަހައްދުން މޫދާ ރަށުގެ ފަސްގަނޑާ ދެމެދު ގާތްގަނޑަކަށް 6 ފޫޓް ހުންނާނެ ކަމަށެވެ. އެހެންކަމުން މި ވިއްސާރާގައި އެސަރަހައްދުން އުދަ އެރުމަކީ ވަރަށް ކަންބޮޑުވާކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.
އެސަރަހައްދު ގިރާފައިވާތީއާއި ލިބުނު ގެެއްލުން ބެލުމަށް މިއަދު އެސަރަހައްދަށް ކައުންސިލްގެ ފަރާތުން ޒިޔާރަތް ކުރައްވާނެކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.
މި ވިއްސާރައިގެ ސަބަބުން ރަށުތެރެއަށް އެއްވި ކުނިތައް ނެގުމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ރަޝީދު ވަނީ ފާހަގަކޮށްފައެެވެ.