ހދ އަތޮޅު ކޯޓުތަކުގައި އޯޑިއޯ/ވީޑިއޯ ކޮންފަރެސް މެދުވެރިކޮށް ޝަރީއަތަށް ކުރިއަށްގެންދާނެ ގޮތުގެ އުސޫލުން އާންމުކޮށްފި އެވެ.
ކުޅުދުއްފުށީ ކޯޓުން އާންމު ކުރި މި އުސޫލުގެ މަގުސަދަކީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ނުހުޅުވާ މުއްދަތުގެ ތެރޭގައި އަދުލު އިންސާފު ގާއިމުކުރުމުގެ ހިދުމަތް މެދު ނުކެނޑޭނެކަން ކަށަވަރުކުރުމެވެ.
އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި މުވައްޒަފުންނަށާއި ހިދުމަތް ހޯދައި ފަރާތްތަކަށް ވީހާވެސް ރައްކާތެރި އަދި ހަރަދު ކުޑަ ގޮތްތަކެއް ތައާރަފުކުރުން ކަމަށް ކޯޓުން ބުނެ އެވެ.
މި އުސޫލުގައި ބުނެފައިވާގޮތުން އޯޑިއޯ/ވީޑިއޯ ކޮންފަރެސް މެދުވެރިކޮށް ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދެވޭނެ ހާލަތްތަކެއް ކަނޑައަޅާފައިވެ އެވެ. އެގޮތުން ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުގެ ހައްގުތަކަށް އުނިކަމެއް ނާންނާނެ ފަދައިން އަވަސްކަމާއެކު އަދުލު އިންސާފު ގާއިމުކޮށްދިނުމުގެ ގޮތުން ޝަރީއަތުގެ މަޖިލިސްތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދެވިދާނެ ކަމަށެވެ.
މީގެ އިތުރުން މައިގަނޑު ހަތަރު ހާލަތެއް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީހުން ބޭރަށް ނުކުތުން މަނާކުރެވިފައިވާ ހާލަތެއް ކަމާ ގުޅޭ ދައުލަތުގެ އިދާރާއަކުން ރަށުގައި އިއުލާނުކުރުމާއި ދަތުރުފަތުރު ކުރުން މަނާވުމުގެ ސަބަބުން މައްސަލައިގެ ޚަޞްމަކަށް ޝަރީއަތް އޮތް ކޯޓު ހުރި ރަށަށް ދެވެން ނެތުން ހިމެނެ އެވެ.
އަދި ރަށުގެ އެލާރޓް ލެވެލް އޮތް ހާލަތަށް ބަލާއިރު މައްސަލާގެ ޚަޞްމުންނާއި ހެކީން އަދި އެހެނިހެން ފަރާތްތައް ކޯޓަށް ހާޒިރުކޮށްގެން ޝަރީއަތް ކުރުމަކީ ރައްކާތެރިކަމެއް ކަމަށް ފަނޑިޔާރަށް ނުފެނުމާއި ދަތުރުފަތުރު ކުރުން މަނާވުމުގެ ސަބަބުން ނުވަތަ އެ ނޫންވެސް މަގުބޫލު އުޒުރަކާހުރެ މައްސަލައިގެ ހެއްކެއް ހާޒިރު ކުރުމަށް ދަތިވުން ހިމެނެ އެވެ.
އަދި ދަތުރުފަތުރު ކުރުން މަނާވުމުގެ ސަބަބުން ނުވަތަ ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިފައިވާކަމަށް ފެންނަތީ ފަނޑިޔާރު ހުރި ރަށް ނޫން އެހެން ރަށެއްގެ ކޯޓެއްގައި އޮތް މައްސަލައެއް ބެލުމަށް އެރަށަކަށް ފަނޑިޔާރު ދިއުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް މައްސަލަ ބަލާ ފަނޑިޔާރަށް ގަބޫލު ކުރެވޭނަމަ، އޭނާ ހަވާލުވެ ހުރި އެހެން ކޯޓެއްގައި އޮތް މައްސަލައެއްގެ ޝަރީއަތް އޭނާގެ ވަޒީފާ އޮތް ކޯޓުގައި ހުރެގެން، އޯޑިއޯ/ވީޑިއީ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށް ގެންދެވިދާނެ ކަމަށް އުސޫލުގައިވެ އެވެ. އެގޮތަށް މައްސަލަ ބަލާއިރު، އެމައްސަލަ ކުރިއަށް ގެންދެވޭނީ މައްސަލަ ހުށަހެޅިފައިވާ ކޯޓުގެ ޝަރީއަތުގެ މަޖިލީހެއްގެ ގޮތުގައިއެވެ.
މި އުސޫލުގައިވާ ގޮތުގެ މަތިން އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުކޮށް ކުރިއަށްގެންދާނެ މައްސަލަތައްވެސް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ކައިވެނިކޮށް ދިނުމުގެ އިތުރުން މަދަނީ އަދި އާއީލީ މައްސަލަތަކުގެ ތެރެއިން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާގުޅޭ މައްސަލަތަކާއި، ގެވެށިއަނިޔާއާއި، ވަރި ސާބިތުކުރުމުގެ މައްސަލަތަކާއި، ދަރީންގެ ހަރަދާއި، ވަގުތީ އަމުރާއި ގުޅޭ މައްސަތަކާއި އަދި މިނޫންވެސް އަވަސް ތަބީޢަތުގެ މައްސަލަތައް މިއުސޫލުގެ ދަށުން ކުރިއަށްގެންދާނެ އެވެ.
މިއުސޫލުގައި ބުނެފައިނުވާ ކަމެއްދިމާވެއްޖެނަމަ އެކަމާމެދު އަމަލު ކުރާނެ ގޮތް ކަނޑައަޅާނީ ކޯޓު ހިންގުމާ ހަވާލުވެހުރި ފަނޑިޔާރެވެ.