ކޮވިޑް-19 އާ ގުޅިގެން މުޅި ރާއްޖެ ފުރަބަންދުކޮށްފައިވާއިރު ޒަރޫރީ ބޭނުމަށް ކުޅުދުއްފުއްޓަށް އަންނަށް ބޭނުންވާ ފަރާތްތަކަށް ދަތުރު ހުއްދަ ދޫކުރަން ނިންމާފައިވާ ގަޑިތައް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އާންމުކޮށްފި އެވެ.
ކައުންސިލުން އާންމުކުރި އިއުލާނުގައި ބުނެފައިވަނީ ދަތުރު ހުއްދަ ދޫކުރަން ނިންމާފައިވަނީ ވަކި ގަޑިތަކެއްގައި ކަމަށެވެ. އެގޮތުން އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ދަތުރު ހުއްދަ ދޫކުރާނީ 9:00 އިން 13:00 އަށްކަމަށެވެ. އަދި ހުކުރު ދުވަހު 14:30 އިން 16:00 އަށް ހުއްދަ ދޫކުރާއިރު ހޮނިހިރު ދުވަހު ހުއްދަ ދޫކުރަން ހަމަޖެހިފައިވަނީ 10:00 އިން 13:30 އަށެވެ.
ޒަރޫރީ ބޭނުމަކު ދަތުރު ކުރައްވަން ބޭނުންވާ ފަރާތަކުން ދަތުރު ކުރައްވާ ބޭނުމާއި، ދަތުރު ކުރާ އުޅަނދުގެ މައުލޫމާތު (އުޅަނދުގެ ނަން، ރަޖިސްޓްރޭޝަން ނަންބަރު) ގެ އިތުރުން އުޅަނދުގެ ވެރި ފަރާތާއި ކެޕްޓަނާއި އަދި ފަޅުވެރިންގެ އިތުރުން އުޅަނދުގައި ދަތުރު ކުރައްވާ ފަރާތްތަކުގެ މައުލޫމާތު (ނަން، އައިޑީކާޑް ނަމްބަރު އަދި ގުޅޭނެ ނަމްބަރު) އަދި ދަތުރުގެ މައުލޫމާތު (ދަތުރުގެ ރާސްތާ، ފުރާ ގަޑި، ލަފާ ގަޑި) އީމެއިލް މެދުވެރިކޮށް ފޮނުވުމުން ކައުންސިލުން ހުއްދައާމެދު ގޮތެއް ނިންމާނެ ކަމަށެވެ.
ކުޅުދުއްފުށި ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ޒަރޫރީ ބޭނުންތައް ކަމަށް ބެލެވޭނެ ހާލަތްތައް ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން ސިއްހީ ފަރުވާ ހޯދުން، ޒަރޫރީ މުދާ ނުވަތަ ސަޕްލައި ބަލައި ދިއުމަށް، އާއިލާއަށް ދިމާވާ އެމަޖެންސީތަކަށާޢި މީޑިއާގެ ހިދުމަތްތައް މެދު ކެނޑުމެއް ނެތި ކުރިއަށްގެންދިއުމަށް ބޭނުންވާ މަސައްކަތްތައް ކުރުމަށާއި ރިސޯޓް މުވައްޒަފުން ޗުއްޓީ ނުނަގައިފިނަމަ ކެންސަލްވުން ނުވަތަ އެހެން ދުވަސްވަރަކަށް ޗުއްޓީ ހަމަނުޖެހި ޗުއްޓީ ގެއްލުން ފަދަ ކަމެއް ދިމާވާނަމަ ޒަރޫރީ ބޭނުމެއް ކަމަށް ބެލެވޭނެކަމަށް އިއުލާނުގައި ވެއެވެ.
ރަށްރަށަށް ނުޖައްސާ ގޮތަށް މަސްވެރިކަމާއި ވެލި ނެގުންފަދަ ބޭނުންތަކަށް ކުރާ ދަތުރުތައް ކުރުމުގެ ހުއްދަ ބަނދަރުގައި ގާއިމް ކުރެވިފައިވާ އީއޯސީ ޑެސްކުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާނެކަމަށް ކައުންސިލުން ބުނެ އެވެ.