ނާސަރީ އަދި ބޭބީ ނާސަރީގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކުޅުދުއްފުށީގައި ހިންގަމުންދިޔަ ޕްލޭ ސްކޫލް ކުރީގެ ކައުންސިލުން ބަންދުކުރުމުގެ ސަބަބުން އެތަކެއް ދަރިވަރުންތަކެއް މަގުމަތިވި ކަމަށް ހުޅަނގު ދެކުނު ދާއިރާގެ ކައުންސިލަރު ރިލްވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑާ ހެދި ކުރިމަތިވި މާލީ ދަތިތަކުގެ ސަބަބުން ކުރީގެ ކައުންސިލުން އަމީރު އަމީން ސްކޫލު ބަންދުކުރުމުން އެކަމާ ގިނަ ބަޔަކު ފާޑުކިޔައި އަލުން ފެށުމަށް ޑިމާންޑް ކުރި އެވެ. އެކަމާ ހެދި އިންތިހާބުގެ ތެރޭގައި މޭޔަރު އާތިފް ވަނީ އާ ކައުންސިލެއްގައި ޕްލޭ ސްކޫލްގެ ހިދުމަތް އަލުން ފަށާނެކަމަށް ވައުދުވެވަޑައިގަންނަވާފަ އެވެ.
އާތިފް އެގޮތަށް ވައުދުވެވަޑައިގެންނެވިޔަސް ގިނަ ބަޔަކު އެކަން ގަބޫލުނުރެ އެވެ. އާންމުން ބުނަމުންދިޔައީ އާ ކައުންސިލުންވެސް ޕްލޭ ސްކޫލްގެ ހިދުމަތް ނުފަށާނެކަމަށެވެ. އެގޮތަށް އެކަން ދިމާވީ ރިލްވާން ކައުންސިލްގައި އިންނެވުމުންނެވެ. އޭނާގެ އާއިލާ މަސްލަހަތު އޮންނަ އިންސްޓިޓިއުޓެއްގައި ޕްލޭ ސްކޫލެއް ހިންގަމުންދާތީ އެމްޑީޕީގެ ކައުންސިލަރަކަށް ގެއްލުންވާގޮތަށް އެމްޑީޕީގެ ކައުންސިލަކުން ނުނިމާނެތީކަމަށް ބުނެ އެވެ.
ގިނަ ބަޔަކު އެހެން ބުނަމުންދަނިކޮށް އާ ކައުންސިލުން މިވަނީ ޕްލޭ ސްކޫލުގެ ހިދުމަތް އަލުން ފަށަން ފާސްކޮށްފަ އެވެ. ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ސްކޫލް އަލުން ފެށުމަށް، 20 އަހަރަށް ކުއްޔަށް ދިނުމަށް ފާސްކުރި އެވެ. މިކަމަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ވާހަކަދައްކަވަމުން ރިލްވާނު ވިދާޅުވީ، ޕްލޭ ސްކޫލް ހުއްޓާލުމުން އޭރު ކިޔަވަމުންދިޔަ 322 ކުދިން މަގުމަތިވި ކަމަށެވެ.
އަމީރު އަމީން ސްކޫލް ހުންނަ އިމާރާތަކީ 34 ހާސް އަކަފޫޓަކަށްވުރެ ބޮޑު ބިމެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ސްކޫލް ހިންގަން ކުއްޔަށްދީގެން ޕްލޭ ސްކޫލްގެ މަގުސަދު ހާސިލްވޭތޯ ބަލަން ޖެހޭ ކަމަށެވެ. ސްކޫލް ހިންގަމުން ގޮސްފައިވަނީވެސް ދަރިވަރުންގެ އަތުން ފީ އެއް ނަގައިގެންކަމަށްވާއިރު އެ މަގުސަދު ހާސިލުވާ ގޮތަށް ކުރަން ޖެހޭ ކަމަށެވެ. އަދި އިމާރާތް ކުއްޔަށް ދޭއިރުވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ރިލްވާން ވިދާޅުވި އެވެ.
ބޮޑު ބިމަކަށްވާއިރު އެހެން ކަންތައްތައް ކުރުމަށް ބޭނުންކުރެވޭނެ ގޮތަށް ކުއްޔަށް ދިނުން މުހިންމު ކަމަށާއި އެހެންވުމުން ކުއްޔަށް ނަގައި ފަރާތްތައްވެސް ފަސޭހަވެގެންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި 20 އަހަރަށް ކުއްޔަށްދިނުމަށް ތާއިދުކުރެއްވި އެވެ.
ޕްލޭ ސްކޫލް މަގުސަދު ހާސިލުވާނެ ގޮތަކަށް ކުއްޔަށް ދިނުމަށް ވަރަށް ބޮޑަށް ބާރު އަޅައި ވާހަކަ ދައްކަވަމުން ރިލްވާން ވިދާޅުވީ ކައުންސިލުން ކައުންސިލުން މިއުޅެނީ ހިދުމަތެއް ދޭން ވެގެން ކަމަށާއި އެހެންކަމުން އެ މަގުސަދު ހާސިލުވާނެގޮތަކަށް އެކަން ކުރުން މުހިންމު ކަމަށާއި އެތަނުގައި އިތުރު ހިދުމަތްތައް ދެވޭގޮތަށް ދިންކަމުގައިވިޔަސް ސްކޫލްގެ މަގުސަދު ނުގެއްލޭގޮތަށް އެކަން ކުރުމަށެވެ.
އަދި ކުރިންވެސް ނަގަމުން ދިޔަ ފީ ކަމަށްވާ 350 ރުފިޔާގެ ފީއެއް ނެގުމަށްވެސް ރިލްވާން ހުށަހެޅުއްވި އެވެ.
މި ބައްދަލުވުމުގައި ހުރިހާ ކައުންސިލަރުންވެސް ޕްލޭ ސްކޫލް ހިދުމަތް އަލުން ފަށަން ތާއިދުކޮށް ވާހަކަދެއްކެވި އެވެ. އަދި އެ ހިދުމަތްދޭއިރު ކުރިން ނެގި އަގަށްވުރެ ބޮޑުނޫން އަގެއް ކަނޑައެޅުމަށްވެސް ވާހަކަދެއްކެވި އެވެ.