twitterviber whatsapp telegramfacebookyoutube instagram
1st May 2024

ޕްލޭ ސްކޫލުގެ ހިދުމަތް އަލުން ފަށަން އާ ކައުންސިލުން ނިންމައިފި

އަބްދުލް ވާހިދު ޙަސަން
May 27, 2021
5

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި މާލީ ދަތިތަކުގެ ސަބަބުން ބަންދުކުރި ޕްލޭ ސްކޫލް، އަމީރު އަމީން ސްކޫލު އަލުން ހުޅުވައި ހިދުމަތްދިނުމަށް އާ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

ކުޅުދުއްފުށީ ކައުންސިލުން ހިންގަމުންދިޔަ އަމީރު އަމީން ސްކޫލު ކުރީގެ ކައުންސިލުން ބަންދުކުރަން ނިންމީ ކޮވިޑްގެ ސަބަބުން ކުރިމަތިވި މާލީ ދަތިތަކުގެ ސަބަބުންނެވެ. ކައުންސިލްގެ މާލިއްޔަތުންވެސް ބޮޑު ހަރަދެއްކޮށްގެން ހިންގާ މި ސްކޫލު ހުއްޓާލީ، ކޮވިޑާ ހެދި ސްކޫލުގެ ކިޔެވުން މިދިޔަ އަހަރުގެ މާރޗު މެދުކަނޑާލުމަށް، ކިޔެވުން ކުރިއަށް ނުގެންދާ މަސްތަކުގެ ފީ އެއްކޮށް ދެއްކުމަށް ޖުލައިމަހު ކައުންސިލުން އެންގުމުންނެވެ.

މަހަކު ދަރިވަރެއްގެ އަތުން 350 ރުފިޔާ ނަގަމުންދިޔައިރު އެއްފަހަރާ ބޮޑު ފީ އެއް އެދުވަސް ދެއްކުމަށް ގިނަ ބެލެނިވެރިންވެސް ވީ ބޮޑު ދަތިކަމަށެވެ. އެއީ ކޮވިޑްގެ ނޭދެވޭ އަސަރު ގިނަ އާއިލާތަކަކަށް ކޮށް، މާލލީގޮތުން ދަތިވުމުންނެވެ. ބަހާލައިގެން ނުވަތަ ފީ މާފުކޮށްދިނުމަށް ބެލެނިވެރިން އެދުމުން އެކަމުގެ ހައްލެއް ހހޯދުމަށް ސަރުކާރުގެ ކަމާ ގުޅުން ހުރި މުވައްސަސާތަކާ އޭރުގެ ކައުންސިލުންވެސް މަޝްވަރާކުރި އެވެ.

އެކަމަކު ޕްލޭ ސްކޫލް ހިންގުމަކީ ކައުންސިލްތަކުގެ ޒިންމާއަކަށް ނުވާތީ ސަރުކާރުގެ އިދާރާތަކަށް އެކަމުގައި ގޮތެއް ވަނީ ނުނިމިފަ އެވެ. އެހެންވެ ކައުންސިލުން ނިންމީ ސްކޫލް ބަންދުކުރުމަށެވެ. އެކަމުގެ ސަބަބުން ގިނަ ބައއެއްގެ ކައުންސިލަށް އަމާޒުވި އެވެ.

އާ ސިޓީ ކައުންސިލުން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރީ ޕްލޭ ސްކޫލްގެ ހިދުމަތް ފެށުމަށެވެ. އެގޮތުން ޕްލޭ ސްކޫލްގެ ހހިދުމަތް އަލުން ފެށުމަށް އަމީރު އަމީން ސްކޫލް 20 އަހަރަށް ކުއްޔަށް ދިނުމަށް ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.

މިއީ މިހާރު މޭޔަރުގެ ކެމްޕެއިން ވައުދެއްކަންވެސް ފާހަގަކޮށްލެވެ.

ބުދަ ދުވަހު ކުރިއަށްދިޔަ މި ބަހުސްގައި ހުރިހާ މެމްބަރުންވެސް ޕްލޭ ސްކޫލްގެ މުހިންމުކަމުގެ މައްޗޗަށް އަލިއަޅުވާލައި ވާހަކަދައްކާފައިވެ އެވެ. ޕްރައިވެޓްކޮށް ބަޔަކަށް ދީގެން ޕްލޭ ސްކޫލް ހިންގަން ނިންމާފައިވާއިރު ކުރިނން ނެގި އަގަށްވުރެ ބޮޑުނުވާނެ އަގެއް ކަނޑައެޅުމަށް ހުށަހެޅި އެވެ. އަދި ހެޔޮ އަގެއްގައި ޕްލޭ ސްކޫލުގެ މަގުސަދު ހާސިލުވާނެ ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށާއި އެ ބިން ކުއްޔަށް ނަގާ ފަރާތުން އެތަނުގައި މާލީ މަންފާ ހޯދުމަށް އިތުރު ކަންތައްތައް ކުރެވޭގޮތަށް ހުޅުވާލުމަށްވެސް މެމްބަރުން ވާހަކަދެއްކެވި އެވެ.

މިބަހުސްގައި ވާހަކަދެއްކެވި ބައެއް މެމްބަރުން ވިދާޅުވީ، ސްކޫލް ހުންނަ ބިމަކީ ބޮޑު ބިމެއްކަމުން އެތަނުގައި މާލީ މަންފާ ހޯދުމަށް ކުރާ އިތުރު ކަންތައްތައްވާން ޖެހޭނީ ތައުލީމާ ގުޅުން ހުރި ކަންތައްތަކަށް ކަމަށެވެ. ދިރާސީ އާ އަހަރު ފެށެންވާއިރަށް ސްކޫލްގެ ހިދުމަތް ފެށުން އަވަސްކުރުމުގެ މުހިންމުކަން ބައެއް މެމްބަރުން ފާހަގަކުރެއްވި އެވެ.

އަމީރު އަމީން ސްކޫލް ބަންދުކުރަން ކުރީގެ ކައުންސިލުން ނިންމީ ސެޕްޓެމްބަރުމަހު އެވެ. މާލީ މައްސަލަތަކުގެ އިތުރުން އެތަނުގައި އެހެން މައްސަލަތަކެއްވެސް ފެންމަތިވެ ހުއްޓާލިއިރު އެތަނުގައި 322 ދަރިވަރަކު ތައުލީމް ހާސިލުރަމުންދިޔަ އެވެ.

އެ ސްކޫލު ހުއްޓާލުމަށްފަހު ކުރީގެ ކައުންސިލުންވެސް ނިންމީ ޕްރައިވެޓް އުސޫލުން ހިންގުމަށެވެ. އެކަން ކުރުމަށް ތަން އޮޑިޓްކޮށްވެސް ވަނީ ނިންމާފަ އެވެ. އެކަމަކު ޕްރައިވެޓް އުސޫލުން ހިންގުމަށް އޭރު ހުޅުވާނުލެވުނީ އިންތިގާލީ ކައުންސިލަކަށްވާތީ އެކަމަށް ސަރުކާރުގެ ފަރާތުން ލިބެންޖެހޭ ހުއްދަތައް ނުލިބިގެންނެވެ.

ބޭބީ ނާސަރީ އަދި ނާސަރީއަށް ކިޔަވައިދޭ ޕްރައިވެޓް ސްކޫލެއްވެސް ކުޅުދުއްފުށީގައި ހުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355