twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކުޅުދުއްފުށިން ބޭސް ނުނެގިފައި ތިބި ރަށްރަށު މީހުންނަށް ބޭސް ނަގައިދީ ފޮނުވުމުގައި އަލީ އަވަދިނެތި

ޢަލީ ރަމީޒް
May 29, 2021
3

މުޅި ދުނިޔެއަށް ބިންދާލި ބޮޑު ރާޅުގައި އެންމެން ގެނބިގެންދަނީއެވެ. މާދަމާ ވެސް ދުނިޔެ ދޫކޮށް ހިނގައިދާނެއެވެ. ހިތްވަރު އެލި މާޔޫސްވެފައިވާ މޫނުތަކެކެވެ. ކޮވިޑް 19ގެ ވަބައިގައި ގިނަ ބަޔަކު މި ފަނާކުރަނިވި ދުނިޔެއާ އަލްވަދާއު ކިޔައިފިއެވެ. ނަމަވެސް ދޫކުރުމެއްނެތި ހިތްވަރުގަދަ ފަހުލަވާނުން ތަކެއް ގައުމު އަލުން އާރާސްތު ކުރުމަށްޓަކައި އަމިއްލަ ނިދި ނަގާލައިފައި ބަލިމީހުންނަށް އެހީވުމަށް އަތުކުރި އޯޅާލައިން އެބަތިއްބެވެ.

ކުރީގައި އެމްއެންޑީއެފްގައި މަސައްކަތްކުރި ނަމަވެސް މިހާރު ރިސޯޓެއްގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ކުޅުދުއްފުށީ/ އާވެހި، އަލީ ޒަކަރިއްޔާއަކީ ރާއްޖެއަށް ދިމާވެފައިވާ ބަލިމަޑުކަމުގައި ގިނަ ބަޔަކަށް އެހީވުމުގައި ލާމަސީލު ނަމޫނާއެއް ދައްކަމުން އަންނަ ބޭފުޅެކެވެ. ހާރަކަސް ތަރާވީހަކަސް ޗުއްޓީ އަކަސް މީހުންނަށް އެހީވުމުގައި އަވަދިނެތި އުޅުއްވާ ބޭފުޅެކެވެ.

މިފަހަރު ރަށަށް ޗުއްޓީއަށް އައިސް އަލީގެ ފަރާތުން ތަފާތު މަސައްކަތެއް އަނެއްކާވެސް ފެނިގެންގޮސްފަ އެވެ. ކޮވިޑްގެ ނުރައްކާ މުޅި ރާއްޖެއަށް ފެތުރި އެއްރަށުން އަނެއް ރަށަށް ދަތުރުކުރަން މަނާކުރުމުގެ ސަބަބުން ކުޅުދުއްފުއްޓަށް ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށްވެސް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފަ އެވެ.

އެގޮތުން އަލީ ޒަކަރިއްޔާ މިފަހަރު މަސައްކަތް ފެށީ ބޭސް ސިޓީއަށް ބޭސް ނުނެގި ތިބި ފަރާތްތަކަށް ބޭސް ނަގައިދީ އެ ރަށްތަކަށް ފޮނުވުމަށެވެ. ހއ، ހދ އަދި ށ އަތޮޅުގެ ރައްޔިތުންނަށް ދޭން ފެށި މި ހިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އަލީ ބުންނެވެ.

އަލީގެ ނަމްބަރަށް ބޭސް ސިޓީ ވައިބާ ކޮށްލުމުން އެމީހަކު ބުނާ ފެރީއަކަށް ނުވަތަ ލޯންޗަކަށް ބޭސް ކޮތަޅު ގެންގޮސްދެ އެވެ. މިއީ ވަރަށްވެސް ނަމޫނާ މަސައްކަތެކެވެ.

"ގިނަ ބައެއްގެ ފަރާތުން ބޭސް ލިބުމުގައި ދަތިތަކެއް ހުރި ވާހަކަ އިވެމުންދިޔަ. ރަށުގައި ޗުއްޓީއަށް މަޑުކޮށްލައިގެން ހުރި ދުވަސްކޮޅު ހިތަށް އެރީ ކައިރި ރަށް ރަށުގައި ދިރި އުޅޭ މީހުންނަށް ބޭސް ހޯދުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދުމަށް އެހީތެރިވުމުގެ ގޮތުން ބޭސް ފޯރުކޮށްދެވޭނެ ގޮތެއް ހޯދަން. އެގޮތުން ކުރަން ފެށުނު ކަމެއް މިއަކީ." ކޭއާއާ ވާހަކަ ދައްކަމުން އަލީ ބުންޏެވެ.

މިކަން ކުރަން ފެށުމަށްފަހު ކައުންސިލުން މިކަމުގައި ވެދެވޭނީ ކޮން އެހީތެރިކަމެއްތޯ ބެލުމަށް މޭޔަރު އާތިފް އާއި އުތުރު ދާއިރާގެ ކައުންސިލް މެމްބަރު މުހައްމަދު ދާއޫދާ ބައްދަލުކޮށް މަޝްވަރާކުރުމުން، ބަންދަރު ޑެސްކުގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. އަދި ބަންދަރު ޑެސްކުގެ އެއްބާރުލުމާއެކު މި މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި މިހާރުވެސް ކުރިއަށްދާކަމަށް އަލީ ބުންޏެވެ.

މިކަން އިއުލާނު ކުރީ މިމަހު 24 ވަނަ ދުވަހު އެވެ. މިއަދާހަމައަށް 36 ބޭސް ސިޓީއަށްވުރެ ގިނަ ބޭސް ނަގައިދީ ފޮނުވާފައިވެ އެވެ. ގިނަ ބޭސް ސިޓީތަކެއް ލިބެމުންދާއިރު ވީހާވެސް އަވަހަކަށް އެކި ރަށްރަށަށް ބޭސް ފޯރުކޮށްދިނުނުމުގައި މަސައްކަތް ކުރަމުންދާކަމަށް އޭނާ ވަނީ ބުންޏެވެ.

އަލީގެ މި މަސައްކަތް ފާހަގަކޮށް އާތިފާއި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބުދުލް ލަތީފްވެސް ވަނީ ހިތްވަރު ދެއްވާ ޝުކުރުއަދާކުރައްވާފަ އެވެ.

މީގެ އިތުރުން އަލީ ބުނީ މާލޭއިން ކުޅުދުއްފުށީ މަގުން ފޮނުވާ ބޭސް ސިޓީތައްވެސް ރަށްރަށަށް ފޮނުވައިދިނުމުގައި އެހީވަމުންދާކަމަށެވެ. އެގޮތުން އެރަށެއްގެ ފެރީގެ ކޭޝިއަރުންނާއި ބޭސް ހަވާލު ކުރެވޭތޯ ވީވަރަކުން މަސައްކަތްކަމަށެވެ. އަދި އޭނާ މިހާރު ދަނީ ކުޅުދުއްފުށިން ގަންނަށް ނުލިބޭ ބޭސް މާލެއިން ލިބޭނެ ގޮތެއް ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

އަލީއަށް ބޭސް ސިޓީ ވައިބަރ ކުރެއްވުމަށް 9923299 މި ނަމްބަރަށް ފެރީގެ ނަމާއި ލިބެންވީ ފަރާތުގެ ނަމާއި އެޑްރެސްގެ އިތުރުން ގުޅޭނެ ނަމްބަރެއް ފޮނުވުމަށް އޭނާވަނީ އެދިފަ އެވެ.

މީގެ ކުރިންވެސް އަލީ ވަނީ މިފަދަ ތަފާތުއެކި ނަމޫނާތައް ދައްކާފަ އެވެ. އެގޮތުން އަމިއްލައަށް ފޭސް ޝީލްޑް ތައްޔާރުކޮށް އެކި ރަށްރަށަށް ވަނީ ހަދިޔާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355