ފިނި ފެހި ސިޓީއަކަށް ކުޅުދުއްފުށީ ހެދުމުގެ މަގުސަދުގައި، ކޮންމެ މީހަކު ގަހެއް އިންދުމުގެ ހަރަކާތް މޭޔަރު ފައްޓަވައިދެއްވައިފި އެވެ. ތިމާވެށީގެ ދުވަހާ ގުޅުވައިގެން "ފިނި ފެހި ސިޓީ" ގެ ނަމުގައި ފެށި މި ހަރަކާތް ފައްޓަވައިދެއްވުމުގެ ގޮތުން މިއަދު ވަނީ ކުޅުދުއްފުށީ އާ ބަނދަރު ސަރަހައްދުގައި ގަސް އިންދުމުގެ ހާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފަ އެވެ.
މި ހަރަކާތް ފެއްޓުމުގެ ގޮތުން ފުރަތަމަ ގަސް އިންދެއްވީ ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފެވެ. މި ހަރަކާތުގައި ކައުންސިލް މެމްބަރުންނާއި އަންހެން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން އަދި ކައުންސިލް މުވައްޒަފުން ވަނީ ބައިވެރިވެލައްވާފަ އެވެ.
މި ހަރަކާތުގައި އާ ބަނދަރު ސަރަހައްދާއި މޫދު އެރޭ ސަރަހައްދުގައި 50 އެއްހާ ގަސް ވަނީ އިންދާފައި އެވެ. އޭގެ ތެރޭގައި ބޮއެ ގަހާއި ކާނި، އަދި ރީތި ގަހާއި ރަން ކާނި އަދި އޮފިއެލޭ ފަދަ ގަސް އިންދި އެވެ.
ކުޅުދުއްފުށި ފަދަ ތަރައްގީވަމުން އަންނަ ސިޓީއެއްގައި ދެމެހެއްޓެނިވި ތަރައްގީގެ ނަޒަރަކުން އާބަން އިކޯސިސްޓަމްއެއް ދިރުވާ އާލާކުރުމަކީ މުހިންމު ކަމެއް ކަމަށާއި ކުޅުދުއްފުށި ސިޓީގެ އާބަން އިކޯސިސްޓަމްއަށް އެންމެންގެ ހިއްސާ އިތުރު ކުރުމަށް ވީހާވެސް ގިނަ ބަޔަކު މިހަރަކާތުގައި ބައިވެރިވުމަށް ކައުންސިލުން އެދެ އެވެ.
އެގޮތުން ގޭގައި އޮންނަ ހުސް ޖާގައި ކޮންމެ މީހަކުވެސް ގަހެއް އިންދުމަށް ކައުންސިލުން އެދެ އެވެ. އަމިއްލަ ބިމެއްގައި އޮންނަ ނަމަ އެ ބިމުގައިވެސް ގަހެއް އިންދުމަށް އެދެ އެވެ. ގަސް އިންދުމަށްފަހު "ފިނިފެހިސިޓީ" ހޭޝްޓެގް ބޭނުންކުރުމަށްފަހު ސޯޝަލް މީޑިއާގައި ފޯސްޓްކުރުމަށްވެސް ވަނީ ކައުންސިލުން އެދިފަ އެވެ.
ކައުންސިލުން މިގޮތަށް މި ހަރަކާތް ކުރިއަށްގެންދަނީ ކޮވިޑްގެ މިހާލަތުގައި ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުމަކީ ރައްކާތެރިކަމަށްނުވާތީ އެވެ. ކުޅުދުއްފުއްޓަށްވެސް ތިމާވެށީގެ ބޮޑު މައްސަލަތައް ކުރިމަތިވެފައިވަމުންދާއިރު ހޫނު ގަދަވުމާއި ރަށް ގިރުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ.
މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިޔާރަކީ "އިކޯސިސްޓަމް ރިސްޓޮރޭޝަން" (ގުދުރަތީ ވެށީގެ ނިޒާމު އިޔާދަކުރުން) އެވެ.