ދުނިޔޭގައި މިއަދު ފާހަގަކުރާ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ހދ ނައިވާދޫގައި ގަސް އިންދުމުގެ ހާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފި އެވެ.
ނައިވާދޫގައި ކުރިއަށްގެންދިޔަ މި ގަސް އިންދުމުގެ ހަރަކާތުގައި ހާހަކަށްވުރެ ގިނަ ގަސް ވަނީ އިންދާފަ އެވެ.
އެރަށު ކައުންސިލްގެ ރައީސް އަލީ ރަޝީދު ވިދާޅުވީ، ގަސް އިންދުމުގެ މި ހަރަކާތް ކުރިއަށްގެންދިޔައީ ކައުންސިލާއި ހުރިހާ މުވައްސަސާތަކާ ގުޅިގެން ކަމަށެވެ.
މި ޕްރޮގުރާމުގެ ދަށުން ގަސް އިންދީ ރަށުގެ ހުޅަނގު ފަރާތު ހޭޅި ސަރަހައްދުގައި އެވެ. އެ ސަރަހައްދަކީ މިދިޔަ ގަދަ ވިއްސާރައިގައި ވަރަށް ބޮޑަށް ރާޅު އެރި ސަރަހައްދެކެވެ.
މި ޕްރޮގުރާމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަންވެސް އަލީ ރަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ. އެރަށުގައި އިންދި ގަސްތަކުގެ ތެރޭގައި ރުއްކާއި ބަނބުކޭލާއި އަދިވެސް ވަރަށް ގިނަ ބާވަތްތަކުގެ ގަސް ހިމެނެ އެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ރާއްޖޭގެ ވަރަށް ގިނަ ރަށްތަކެއްގައި ދަނީ ގަސް އިންދުމުގެ ހަރަކާތް ހިންގަމުންނެވެ.