twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކާފިއުގެ ހަމަހިމޭންކަން ނަގައިލީ ނުރައްކާތެރި އަލިފާނުގެ ހާދިސާއަކުން، ދެ ސައިކަލެއް އަނދައި ހުލި

އަބްދުލް ވާހިދު ޙަސަން
Jun 11, 2021
2

ކުޅުދުއްފުށީ ގެޔެއްގެ ތެރޭގައި ބަހައްޓާފައިހުރި ސައިކަލުތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ. ރޭ ގާނޑަކަށް 2:15 އެހާއިރު ހިނގި މިހާދިސާގައި އެތަނުގައި ހުރި ދެ ސައިކަލަކާއި ބެޓެރީ ބައިސްކަލެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފައި އެވެ.

ކޮވިޑް ކޭސްތަކެއް ފެނި ކުޅުދުއްފުށީގައި ރޭގަނޑުގެ ވަގުތު ކާފިއު ހިންގާފައި އޮތްވާ ހިނގި މި ހާދިސާއާ ބެހޭ ގޮތުން އެ އާއިލާގެ މީހަކު ކޭއޯއަށް ބުނީ، މިއީ ބަޔަކު ގަސްތުގައިކޮށްފައިވާ އަމަލެއްކަމަށާއި މިކަމުގެ ސަބަބުން އާއިލާއަށް ބޮޑު ޝޮކެއް ލިބިފައިވާ ކަމަށެވެ.

ސައިކަލްތައް ބަހައްޓާފައި ހުރީ ގެޔާއި އިންވެގެން ކަހަލަގޮތަކަށް ވަކިން ހަދާފައިހުރި ފެންޑާއެއްގައި އެވެ. އެތަނުގައި އެވަގުތު މޫވް ދެ ސައިކަލަކާއި ޒޫމާ ބުރޭންޑްގެ ސައިކަލެއްގެ އިތުރުން ދިހަހާސް ރުފިޔާގެ ބެޓެރީ ބައިސްކަލެއްވެސް ހުއްޓެވެ.

އެތަނުން އެއް މޫވް ސައިކަލް ތަންކޮޅެއް ދުރުގައި ބެހެއްޓިފައި ހުރުމުން އެ ސައިކަލްގައި ހުޅު ނުހިފައިނީސް ދުރަށް ޖެއްސިފައިވެ އެވެ. އެކަމަކު އެ ސައިކަލްގެ ކަވަރ ގަނޑުގެ ބޮޑުބައެއް ހޫނުގެ އަސަރުން ވިރިފައި އެވެ. މި ހާދިސާގައި ސައިކަލްތައް ބަހައްޓާފައިހުރި ފެންޑާ އެއްކޮށްހެން އަނދައި ހުލިވެފައިވާއިރު ގެޔަށްވެސް ވަނީ ގެއްލުންވެފަ އެވެ.

ފެންޑާއާ ޖެހިގެން ހުރީ ބެސްޓްބަޑީ ފިހާރާގެ ގުދަނެކެވެ. އެތަނުގައި ބެޓެރީ ބައިސްކަލާއި އެއާ ގުޅޭ އެކި ސާމާނު ހުއްޓެވެ. މިހާދިސާގައި އެ ގުދަނުގެ ބޭރަށް ދުމުގެ އަސަރުކޮށްފައި ހުއްޓެވެ. މި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފައެއް ނުވެ އެވެ.

އެތަނުގެ ރޯވެފައިވާ އަލިފާންގަނޑު ނިއްވާލީ އެމްއެންޑީއެފުންނެވެ. މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، އަލިފާނުގެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭގެ 02:50 އެހާކަށްހާއިރު ކަމަށާއި މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355