twitterviber whatsapp telegramfacebookyoutube instagram
6th May 2024

މަހުލޫފްގެ މައްސަލަ އަނބުރާ ފޮނުވައެއްނުލާ: ޕީޖީ

ޚަދީޖާ އާދަމް
Jun 19, 2021
1

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލާގައި ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓަރު އަހްމަދު މަހްލޫފަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވި މައްސަލަ އަލުން އަނބުރާ ފޮނުވައި ނުލާކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން ބުނީ މައްސަލަ އަނބުރާ ފޮނުވާލާފައިނުވާ ކަމަށާއި އެދުނީ އިތުރު ހެކިތަކާ ގުޅޭ ލިޔުންތައް ހުށަހަޅަން ކަމަށެވެ.

"މިހާރު" ނޫހަށް ދެއްވި އިންޓަވިއެއްގައި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ މަހްލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މި މަހުގެ 9 ގައި އޭސީސީން ފޮނުވުމާ ގުޅިގެން މިހާރު ކުރިއަށް ގެންދަނީ "ޑިއުޓީ ޕްރޮސެކިއުޝަން" މަރުހަލާ ކަމަށެވެ. އެހެންވެ، ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގެ ކުރިން، ބައެއް ކަންކަން ސާފުކޮށްދިނުމަށް އޭސީސީގައި މީގެ ކުރިން ވެސް އެދިފައިވާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.

މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހުގައި އެދުނީ، އެ ކޮމިޝަނާއި ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތެރޭގައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ މަހުލޫފަށް ލިބިފައިވާ ކަން ފާހަގަކުރެވޭތީ ކަމަށް އޭސީސީން ބުނެފައި ވެ އެވެ.

އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ ގޮތުގައި މަހުލޫފު ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ ބަދަލެއްގެ ގޮތުގައި 33,000 ޑޮލަރު އޭނާ އަށް ލިބިފައިވާ ކަމަށް އެސީސީން ބުނެފައި ވެއެވެ.

އޭގެ އިތުރުން، އެސްއީޒެޑް ބިލް ފާސްކުރަން ވޯޓު ދެއްވުމަށް އޮގަސްޓް 27، 2014 ގައި މަހުލޫފު ވަޑައިގަތީ ސީދާ މެލޭޝިޔާ އިން ވޯޓަށް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މަހުލޫފަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމަށް ފަހު އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި އަހުމަދު މަހުލޫފް އެ ބިލަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށް ކަމާއި އެސްއޯއެފްގެ ޗެކަކުން އަހުމަދު މަހުލޫފުގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގުން އެނގެން އޮތްއިރު އެ ވޯޓަށް ފަހު އަހުމަދު އަދީބު އަބްދުލްޣަފޫރުއާ އަހުމަދު މަހުލޫފު އާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އަހުމަދު މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހުތަކާ ގުޅުވުމުން، އަހުމަދު މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ އަހުމަދު އަދީބު، އަހުމަދު މަހުލޫފަށް ދިފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގޭކަމަށެވެ.

މަހުލޫފު ކުރިން ވިދާޅުވީ އެސްއޯއެފާއެކު ހިނގީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށެވެ. އެސްއޯއެފުން ބޭނުންކުރީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މައްސަލަ ނިންމައި، މަހްލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ފޮނުވުމާ ގުޅިގެން މި މަހުގެ 9 އިން ފެށިގެން އަނެއްކާވެސް އޭނާ ހުންނެވީ ވަޒީރުކަމުން ސަސްޕެންޑު ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355