twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ނަފުރަތުގެ ބިލް އަނބުރާ ނެގުމަށް އިލްމުވެރިންގެ ޕެޓިޝަނެއް ރައީސަށް

ޚަދީޖާ އާދަމް
Jun 19, 2021
1

ނަފްރަތުގެ ބިލް އަނބުރާ ނެގުމަށް ގޮވާލާ އިލްމުވެރިންގެ ޕެޓިޝަނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށައަޅައިފި އެވެ.

ނަފްރަތުގެ އަމަލު ބަޔާންކޮށް، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް 101 އިލްމުވެރިއަކު ވަނީ ސޮއިކޮށްފަ އެވެ.

އެ ބިލު އަނބުރާ ނެގުމަށް ގޮވާލާ އިލްމުވެރިންގެ ފަރާތުން ހުށަހެޅި ޕެޓިޝަނުގައި ވަނީ އުންމަތް ހަމަ މަގަށް އަޅުވައި، ހެޔޮކަންތައް އާންމުކޮށް ނުވބައިކަންތައް މުޖުތަމައުން ނައްތާލުމަކީ އެ ބަޔެއްގެ އިސްވެރިޔަކަށް ހުންނަ މީހާގެ ޒިންމާއެއް ކަމަށެވެ.

އަދި ނަފުރަތުގެ ބިލުގައި ހިމެނިފައިވާ އަސާސީ ކަންކަމަކީ އެކަންކަމަށް އިސްލާހުތަކެއް ގެނެސްގެން ވިޔަސް، އިސްލާމީ މުޖުތަމައަކުން އެއްވެސް ހާލެއްގައި އަދި އެއްވެސް މިންވަރަކަށް މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމަށްވެސް ޕެޓިޝަނުގައި ބުނެފައި ވެއެވެ.

އަދި ނަފުރަތުގެ ބިލުގެ ސަބަބުން މުޖުތަމައުގައި އިސްލާމްދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރާތްތަކާ ގުޅިގެން އެކަންކަމަކީ ނުރަނގަޅު، ގޯސް ކަންތައްކަމާއި އެކަންކަމުގެ ތެރެއަށް ނުވަދުމަށް އާންމުން ހޭލުންތެރިކުރުމަށް އިލްމުވެރިން ކުރާ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށްވެސް އެ ޕެޓިޝަނުގައި ބުނެފައި ވެއެވެ.

ބިލްގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުނުކުންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ނަމަވެސް އެހެން ބަޔަކަށް ސަރުކާރުގެ ބާރުތައް ލިބުމުން ބިލްގެ ޒަރިއްޔާއިން ނުރަނގަޅު ނަތީޖާތަކެއް ނުނެރޭނެ ކަމުގެ ޔަގީންކަން ހުދު ރައީސްއަށް ވެސް ނުދެއްވޭނެ ކަމަށް ޕެޓިޝަންގައިވެ އެވެ.

ބިލް އަނބުރާ ނެގުމަށް ރައީސަށް އިލްމްވެރިން ދަންނަވާފައިވާއިރު، ގިނަ ކައުންސިލްތަކަކުން ވެސް ވަނީ އެ ބިލް ކުށްވެރިކޮށް ބަޔާން ނެރެފަ އެވެ.

ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. އެއީ ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދަން އިތުރުކުރާ މާއްދާއެއް ކަމަށް ބުނެފައިވެ އެވެ. ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނާފަ އެވެ.

އެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ވަނީ ހުޅުވާލައިފަ އެވެ. ހިޔާލު ހުށަހެޅުމުގެ ފުރުސަތު، 22 ޖޫން ވާ އަންގާރަ ދުވަހުގެ 12:00 އާ ހަމައަށް އޮންނަނާނެ އެވެ.

ހިޔާލު މެއިލް ކުރާނީ [email protected] އަށެވެ. ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ވެސް ފޮނުވޭނެ އެވެ.

ބިލަށް އާންމުންގެ ހިޔާލަށް ހުޅުވާލި އިރު، އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ލަފާ ހޯދަން ވަނީ ނިންމައިފަ އެވެ.

އަދި 23 ޖޫން ވާ ބުދަ ދުވަހު ކޮމިޓީގެ މަސައްކަތް މުޅިން ނިންމުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355