twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކޮވިޑާ ގުޅިގެން އާމްދަނީ ބޮޑުތަން ދަށަށްގޮސްފި، ހަރަދުތައް ކުޑަކުރަން ޖެހޭ: ފިނޭންސް މިނިސްޓަރ

ނަބީލާ އިސްމާޢީލް
Jun 20, 2021
1

ކޮވިޑާ ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި އާމްދަނީ ދަށްވުމުގެ ސަބަބުން ހަރަދުތައް ކުޑަކުރަން ޖެހޭކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ކައުންސިލަރުން ދައުލަތުގެ މާލިއްޔަތުގެ ގަވައިދަށް އަހުލުވެރިކުރުމުގެ ގޮތުން ބޭއްވި ތަމްރީނު ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ކޮވިޑާ ގުޅިގެން ދައުލަތުގެ އާމްދަނީ އަށް 36 ބިލިއަން ރުފިޔާ ގެއްލުން ލިބޭނެ ކަމަށެވެ. އާމްދަނީ ދަށްވުމުގެ ސަބަބުން ހަރަދުތައް ކުޑަކުރަން ޖެހޭކަން ފާހަގަކުރައްވައި، އަމީރު ވިދާޅުވީ އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ވެސް ކޮވިޑާ ގުޅިގެން އިތުރުވި ދަރަނި ކުޑަ ކުރުމަށް ކަމަށެވެ. އަދި އެކަން ހާސިލު ވާނީ މާލީ ގޮތުން ތަނަވަސްކަން އިތުރުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކުގެ އަމާޒަކަށްވާންވާނީ ބްލޮކް ގްރާންޓް އަދި ކައުންސިލަށް ލިބޭ އާމްދަނީގެ ތެރޭގައި މެނޭޖް ކުރުން ކަމަށާއި ޕްރިއަރަޓައިޒްކޮށް ރައްޔިތުން ކޮންމެހެން ބޭނުންވާ ކަންކަމަށް ހަރަދު ކުރުން ކަމަށެވެ. އަދި މިވަގުތަކީ ބޭނުން ހުރިހާ ކަމެއް ކުރެވޭނެ ވަގުތެއް ނޫންކަން އެންމެން ވެސް ދަންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރަނގަޅު ގޮތުގައި ހަރަދުކުރުމަކީ ކޮންމެ ކައުންސިލަރެއްގެ އަދި ދައުލަތުގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެއް ކަމަށާއި މާލީ ހާމަކަން އިތުރުކުރުމާއި، ޒިންމާދާރު ގޮތުގައި ހަރަދުކުރުން ވަރަށް މުހިއްމު ކަމަށެވެ.

މާލީ ދާއިރާގައި ކައުންސިލްތަކަށް ދިމާވެފައިވާ ބައެއް ދަތިތަކާއި އެކަމުގެ ހައްލުތަކާ ބެހޭ ގޮތުން ވެސް މިނިސްޓަރު މިއަދު ވާހަކަ ދައްކަވަމުން ވިދާޅުވީ ދައުލަތަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ބަނޑޭރިޕޭ މެދުވެރިކޮށް ދެއްކޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކައުންސިލްތަކުގެ ބޭންކު އެކައުންޓުތަކަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ހިދުމަތް ހޯދޭނެ ގޮތް ވަރަށް އަވަހަށް ހަދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355